ސިޔާސީ

މިމަހުގެ 20 ގައި ބަޖެޓް ދިރާސާކޮށް ނިންމާ ތަޅުމަށް ފޮނުވަނީ


އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކޮށް މިމަހުގެ 20 ވަނަ ދުވަހުގެކުރިން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވާނެކަމަށް ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުޤައްރިރު މުޙައްމަދު ނާޝިޒް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ކިނބިދޫ ދާއިރާގެ މެންބަރު އަދި ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުޤައްރިރު މުޙައްމަދު ނާޝިޒް ވިދާޅުވީ، މިހާތަނަށް ބަޖެޓް ދިރާސާކުރުމުގެ މަރުހަލާގައި، މުހިންމު ގިނަ މުއައްސަސާތައް ކޮމިޓީއަށް ޙާޒިރުކޮށް ބަޖެޓަށް ބޭނުންވާ ގިނަ މަޢޫލޫމާތު ހޯދާފައިވާކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އޮޑިޓަރ ޖެނެރަލްގެ އޮފީހާއި، މަރުކަޒީ ބޭންކް، އެމްއެމްއޭ ކޮމިޓީއަށް ޙާޒިރުކުރުމަށްފަހު، ބަޖެޓާއި ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ބޭނުންވާ މަޢޫލޫމާތު އޮޅުންފިލުވުމަށްފަހު ބަޖެޓަށް ގެންނަންޖެހޭ ބަދަލެއްވާނަމަ އެ ބަދަލާއެކު މިމަހުގެ ވިހިވަނަ ދުވަހު މަޖިލީހުގެ ތަޅުމަށް ފޮނުވާނެކަމަށް ނާޝިޒް ވިދާޅުވިއެވެ.

މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށްވެސް ބަޖެޓުގެ ބަހުސް ފެށުމަށް ވަނީ ނިންމާފައެވެ. މަޖިލީހުގެ ޤަވާއިދު ބުނާ ގޮތުން ބަޖެޓް ބަހުސް ކުރިއަށް ގެންދަންޖެހޭނީ ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށައަޅާތާ ތާރީޚުން ފެށިގެން 7 ދުވަހުގެ މުހުލަތެއް ދިނުމަށްފަހުއެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ކޮންމެ މެމްބަރަކަށް 15 މިނެޓް ބަޖެޓަށް ވާހަކަ ދެއްކުމަށް ދިނުމަށް ބަޖެޓް ކޮމިޓީން ވަނީ ކަނޑައަޅާފައެވެ. އަދި ކޮންމެ މެންބަރަކަށް ކޮމިޓީން ބަޖެޓް ފާސްކުރުމަށްފަހު ތަޅުމަށް ހުށަހެޅުމުން ބަޖެޓަށް ވާހަކަ ދައްކަން 7 މިނެޓްގެ ވަގުތު ދިނުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

"މިހާރު މުހިންމު ގިނަ މުއައްސަސާތައް ވާނީ ކޮމިޓީއަށް ޙާޒިރުކުރެވިފައި. ދެން އެމްއެމްއޭ އާއި އޮޑިޓަރ ޖެނެރަލްގެ އޮފީސް ހާޒިރުކުރުމަށްފަހު މިމަހުގެ ވިހީގަ ތަޅުމަށް ފޮނުވޭވަރުވާނެ." ނާޝިޒް ވިދާޅުވިއެވެ.

ނާޝިޒް ވިދާޅުވީ، ކޮމިޓީއަށް ހާޒިރުކުރާ ހުރިހާ މުއައްސަސާއަކުން ހިއްސާކުރާ މަޢުލޫމާތުތަކަށް ރިޔާއަތްކޮށް ބަޖެޓަށް ބަދަލެއް އަންނަނަމަ އެ ބަދަލެއް އެނގޭނީ ކޮމިޓީ މަރުހަލާއަށް ފަހުކަމަށެވެ.

އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިބަޖެޓަކީ މިހާތަނަށް ރާއްޖޭގެ ތާރީޚުގައި ހުށައެޅި އެންމެ ބޮޑު ބަޖެޓެވެ.