ޚަބަރު

2020 ބަޖެޓަކީ އިޤްތިޞާދީ ލޮޅުމުން އަރައިގަނެވޭނެ ބަޖެޓެއް - އަސްލަމް


އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ، ސަރުކާރު ބަދަލުވީއިރު އައި އިޤްތިޞާދީ ލޮޅުމުން އަރައިގަންވޭނެ ބަޖެޓެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ، ކުރީގެ ސަރުކާރުގައި ރާއްޖޭގެ އިޤްތިޞާދަށް ލޮޅުން އަރާފަދަ ބޮޑެތި ކަންކަން ހިންގާފައިވާކަމަށެވެ. އެގޮތުން ކުރީ ސަރުކާރުގައި ވަރަށް ގިނަކަންކަން ބޮއްސުންލާފައިވާއިރު، ސިޔާސީ އެކި ބޭނުމަށްޓަކައި ވަރަށް ގިނަ ޚަރަދުތައްވެސް ކުރީ ސަރުކާރުން ކޮށްފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. ޚާއްޞަކޮށް ބޭނުން ނުވާ މިންވަރަށް މުވައްޒަފުން އިދާރާތަކަށް ލާފައިވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އޭނާ ވަނީ މިހާރު ހިނގަމުން މިދާ އަހަރުގެ ބަޖެޓަކީ މިސަރުކާރުގެ މާބޮޑު ބައިވެރިވުމެއް ނެތި ކުރީ ސަރުކާރުން އެކުލަވާލާފައިވާ ބަޖެޓެއްކަން ފާހަގަކުރައްވައި، އެ ބަޖެޓުގައި މި ސަރުކާރުން ބޭނުންވާ މަޝްރޫޢުތައް ހިމެނިގެން ގޮސްފައިނުވާކަންވެސް ފާހަގަކުރައްވާފައެވެ.

އަސްލަމް ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރު ނިމިގެންދާއިރު މަޝްރޫޢުތައް ހިނގަމުން ނުދާކަން ފާހަގަކުރެވެނީ އެހެންވެކަމަށާއި، ނަމަވެސް މިހާތަނަށްވެސް ވަރަށް ގިނަ މަޝްރޫޢުތައް ސަރުކާރުން ހިންގާފައިވާކަމަށެވެ. އޭނާ ވަނީ ސަރުކާރުން އިސްލާހީ ބޮޑެތި ބަދަލުތަކެއް މިހާތަނަށް ގެނެސްފައިވާކަމަށްވެސް ވިދާޅުވެފައެވެ. އަދި އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ ރަސްމީ ސިފައެއްގައި މިސަރުކާރުން އެކުލަވާލި ފުރަތަމަ ބަޖެޓްކަމަށާއި، އެ ބަޖެޓުން ރާއްޖޭގެ ބޮޑެތި މައްސަލަތަކަށް ހައްލު ލިބިގެންދަނެކަމަށެވެ. އަދި އެއްސަރުކާރުން އަނެއް ސަރުކާރަށް ބަދަލުވެގެން އައިއިރު އިޤްތިޞާދަށް އައިސްފައިވާ ލޮޅުމުންވެސް އަންނަ އަހަރުގެ ބެޖެޓާއެކު އަރައިގަނެވޭނެކަމަށް އަސްލަމް ވިދާޅުވިއެވެ.

"ރައީސް ޔާމީން ސަރުކާރު ހިންގެވީ ވަރަށް އަމިއްލަވަންތަގޮތަކަށް. ވަރަށް ގިނަ ކަންކަން ބޮއްސުންލާފައޮތީ. އެބަދަލުތަކުން އަނެއް ސަރުކާރު މިއައީ. ސަރުކާރު ނިމިގެންދަނިކޮށް ސިޔާސީ ބޭނުމަށްޓަކައި ވަރަށް ގިނަ ޚަރަދުތަކެއް ކުރައްވާ ބޭކާރު އެތައް ދިމަދިމާލަކަށް މުވައްޒަފުންވެސް ލާފައޮތީ. ދައުލަތުގެ ބަޖެޓަށް ކެއްނުކުރެވޭވަރަށް ޚަރަދު ގިނަކޮށްފައިވަނީ. ނަމަވެސް އަޅުގަނޑުމެން އަދިކިރިޔާ ރަސްމީ ބަޖެޓެއް މިހުށައެޅީ. މިއީ އިޤްތިޞާދީ ލޮޅުމުން އަރައިގަނެވޭނެ ބަޖެޓެއް މި ބަޖެޓަކީ."

އަސްލަމް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދޭނެ ބަޖެޓަކަށްވާނެކަމަށެވެ. އަދި ބަޖެޓުގެ ސިޔާސަތުގެ ތެރެއިން އިގްތިޞާދީ ކުރިއެރުން ގެނުވައި، ރައްޔިތުންގެ އަތްމަތި ތަނަވަސްކުރުމަށް އެހީތެރިވެދޭނެ ބަޖެޓަކަށްވާނެކަމަށްވެސް ސަރުކާރުން ވަނީ ހަމަކުރައްވާފައެވެ. އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އެއް އަމާޒަކީ، ރާއްޖެއަށް ބޭނުންވާ އަސާސީ އުމްރާނީ ވަސީލަތްތައް ޤާއިމުކުރުންކަމަށްވެސް ސަރުކާރުން ހާމަކުރައްވައެވެ.