ވިޔަފާރި

އަންނަ އަހަރުގެ ޑަބްލިއުޓީއެމް ފެއަރގައި "މޯލްޑިވިއަން ނައިޓް"އެއް ބާއްވަނީ


އަންނަ އަހަރުގެ ޑަބްލިއުޓީއެމް ފެއަރގައި "މޯލްޑިވިއަން ނައިޓް"އެއް ބާއްވާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ޑަބްލިއުޓީއެމް ފެއަރގައި ބައިވެރިވުމަށް ލަންޑަނަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ޤާނުނު ހަދާ މަޖިލީހަށް ކުރެއްވި ޒިޔާރަތުގައި މިނިސްޓަރ ޢަލީ ވަޙީދު ވަނީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޢަލީ ވަޙީދު ވަނީ އަންނަ އަހަރުގެ ޑަބްލިއުޓީއެމް ފެއަރގައި "މޯލްޑިވިއަން ނައިޓް" އެއް ބާއްވާނެކަން އިޢުލާންކުރައްވާފައެވެ. "މޯލްޑިވިއަން ނައިޓް" ވެގެންދާނީ ރާއްޖޭގެ ސަޤާފީ ޙަރަކާތްތައް ފެނިގެންދާނެ ޙަރަކާތަކަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި "މޯލްޑިވިއަން ނައިޓް" ބާއްވާނީ އެމްއެމްޕީއާރުސީއާއި އިންޑަސްޓްރީގެ އެކި ފަރާތްތަކުގެ އެއްބާރުލުމާއި އެކުގައިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރުގެ ޑަބްލިއުޓީއެމް ފެއަރ ބާއްވާފައިވަނީ މިމަހުގެ 4 އިން 6 އަށެވެ. މިއީ ރާއްޖެއިން ޑަބްލިއުޓީއެމްގައި ބައިވެރިވި 35 ވަނަ އަހަރެވެ. މިއަހަރުގެ ފެއަރގައި ރާއްޖޭގެ 63 ކުންފުންޏަކުން 161 ފަރާތަކުން ބައިވެރިވެފައިވެއެވެ.

"ޑަބްލިއުޓީއެމް" ފެއަރއަކީ ދުނިޔޭގެ އެކި ޤައުމުގެ ފަތުރުވެރިކަން އިސްތިހާރުކޮށް ކުރިއެރުވުމަށްޓަކައި ކޮންމެ އަހަރަކުވެސް ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ ފެއަރއެކެވެ. މިއަހަރުގެ ފެއަރގައި ރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްފައިވަނީ ފާލަމެއް ސިފަވާ ގޮތަށެވެ. އަދި މި ސްޓޭންޑުން ރާއްޖޭގެ ޤުދުރަތީ ރީތިކަންވެސް ވަރަށް ބޮޑަށް ދައްކުވައިދެއެވެ.

މިއަހަރުގެ "ޑަބްލިއުޓީއެމް" ގައި ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ މާހިރުންނާއި ކުންފުނިތަކާއި ޓްރެވެލް އޮޕަރޭޓާސް ހިމެނޭހެން ދުނިޔޭގެ އެކި ކަންކޮޅުތަކުން 51,000 މީހުން ބައިވެރިވިއެވެ.