ކުޅިވަރު

ގޮންޖެހުންތަކާއިއެކު ކުޅުންތެރިން ކުރާ ހިތްވަރަށް ތަޢުރީފް ހައްޤު - މެނޭޖަރ ހާމިދާ


ގިނަ ގޮންޖެހުންތަކާއިއެކުވެސް ކުޅުންތެރިން ދައްކަމުން އަންނަ މޮޅު ކުޅުމަށް ތައުރީފް ހައްޤުކަމަށް ސީނިއާ އަންހެން ޤައުމީ ވޮލީބޯޅަ ޓީމުގެ މެނޭޖަރު ހާމިދާ އަބްދުލްއަލީމް ބުނެފިއެވެ.

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އޭވީސީ ސެންޓްރަލް ޒޯން ސީނިއާ އަންހެން ވޮލީބޯޅަ މުބާރާތުގައި ގައުމީ ވޮލީ ޓީމުން ވަނީ ފުރަތަމަ މެޗުގައި 3-2 ސެޓުން ވަރުގަދަ ކިރިގިސްތާނުގެ މައްޗަށް ކުރިހޯދާފައެވެ. އަދި ދެވަނަ މެޗުގައި ރާއްޖެއިންވަނީ ސީދާ ތިން ސެޓުން ބަންގްލަދޭޝް ބަލިކޮށްފައެވެ.

ޤައުމީ އަންހެން ވޮލީ ޓީމްގެ މެނޭޖަރ ހާމިދާ ބުނީ ކުޅުންތެރިން މުބާރާތުގައި ދައްކަމުން އަންނަ ހިތްވަރަށް ތައުރީފް ހައްޤުކަމަށާއި، މެޗުތަކުން މޮޅުވުމުގެ ހުރިހާ ކްރެޑިޓެއް ހައްގުވަނީ ކުޅުންތެރިންނަށް ކަމަށެވެ. އޭނާ ބުނީ، މުބާރާތުގައި ކުޅުންތެރިން ވާދަކުރަނީ އެކި ސަބަބުތަކާއިހުރެ އުނދަގޫ ހާލަތެއްގައި ތިބެ ކަަމަށާއި، ނަމަވެސް ހުރިހާ ވަގުތެއްގައިވެސް ކުޅުންތެރިންގެ ފޯކަސް ބަހައްޓަނީ މެޗަށް ކަމަށެވެ.

މެނޭޖަރ ބުުނީ މުޅި ޓީމުވެސް އޮތީ އެއް ރޫހެއްގައި ޤައުމު ފަޚުރުވެރިކޮށްދޭން ކެތްމަދުވެފައި ކަމަށާއި، ފައިނަލުން ޖާގަ ހޯދުމަކީ ޓީމްގެ އަޒުމްކަމަށެވެ. މެނޭޖަރ ބުނީ މެޗު ކުޅޭއިރު، ބެންޗުގައި އިނދެވެނީ ހަމައެކަނި އެސިސްޓަންޓް ކޯޗް ފައިސަލްއަށް ކަމަށާއި، ފައިސަލް އެކަނި ބެންޗުގައި އިނދެގެން ކުރާ މަސައްކަތަށްވެސް ސާބަސް ދޭކަމަށެވެ.

"ހަގީގަތުގައި ކުޅުންތެރިން މޮޅު ކުޅުމެއް އެ ދައްކަނީ މެނޭޖްމަންޓުން ކޮށްދޭންޖެހޭ ކަންތައްތައް އެންމެ ފުރިހަމައަށް ނުކޮށްދެވި، އެއީ ބެންޗުގައިވެސް އިނދެވެނީ ހަމައެކަނި ހެޑްކޯޗަށް، އެއީ ފައިސަލް، އެކަމު ކުޅުންތެރިންގެ ފޯކަސް އަބަދުވެސް ހުންނަނީ މެޗަށް، ކާމިޔާބީ ހޯދަން، އަޅުގަނޑުމެން މި ތަމްސީލު ކުރަނީ ދިވެހި ގައުމު، މިއީ ގައުމަށް ރީތި ނަމެއް ހޯދަން ކުރާ މަސައްކަތް، މުޅި ޓީމުވެސް މިއޮތީ އެއް އަޒުމެއްގައި"