ޚަބަރު

ޓީޖެޓީގައި ހިނގި އަލިފާނުގެ ހާދިސާގައި ތެޔޮ ބައުޒަރުތަކަށް ލިބުނު ގެއްލުމުގެ ބަދަލު ދީފި


ޓީޖެޓީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިއުލް އެކްސްޕްރެސްގެ ތެޔޮ ބައުޒަރުތައް އެނދުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިވެހި އިންޝުއަރެންސުން ދީފިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު މާލޭ ޓީޖެޓީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިއުލް އެކްސްޕްރެސްގެ 10 ތެޔޮ ބައުޒަރަށް އެކި ވަރުގެ ގެއްލުންވެ އޭގެތެރެއިން 4 ތެޔޮ ބައުޒަރު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. މި ހާދިސާގައި ފިއުލް އެކްސްޕްރެސް މޯލްޑިވްސްއަށް ލިބުނު ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި ދިވެހި އިންޝުއަރެންސްގެ ފަރާތުން ދިން ފައިސާ އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ދިވެހި އިންޝުއަރެންސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް ވަހީދް ތައުފީޤެވެ. ފިއުލް މޯލްޑިވްސްގެ ފަރާތުން މި ފައިސާއާއި ހަވާލުވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝިހާބެވެ.

ދިވެހި އިންޝުއަރެންސްގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް ވަޙީދް ތައުފީޤް ވިދާޅުވީ އެކުންފުނީގެ ކަސްޓަމަރުންނަށް ދިމާވާ ގެއްލުންތަކަށް ވީހާވެސް އަވަހަށް ބަދަލުހޯދައިދިނުމަކީ ކުންފުނީގެ އަމާޒެއްކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ޓީޖެޓީގައި ހިނގި މި އަލިފާނުގެ ހާދިސާއަކީ ޖެޓީގައި އޮތް ލޯންޗެއް އަލިފާން ރޯވެ ހިނގި ހާދިސާއެކެވެ. މި ހާދިސާގައި އެ ލޯންޗުގެ އިތުރުން ފިއުލް އެކްސްޕްރެސްގެ 10 ތެޔޮ ބައުޒަރަކަށް ގެއްލުން ލިބިފައިވެއެވެ.