ޚަބަރު

ބައިކް މޯލްޑިވްސްގެ ގޮތްޕެއް ކުޅުދުއްފުށީގައި ހުޅުވަނީ


ބައިކް މޯލްޑިވްސްގެ ގޮތްޕެއް ހދ. ކުޅުދުއްފުށީގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ބައިކް މޯލްޑިވްސްގެ ޗެއާޕާސަން ވިދާޅުވެއްޖެއެވެ.

ބައިކް މޯލްޑިވްސް އިން މިމަހުގެ 8 އިން 10 އަށް ކުޅުދުއްފުށީގައި ބާއްވާ ޓުއަރ ފެށުމުގެ ގޮތުން މިއަދު ހަވީރު ބޭއްވި ބައިސްކަލް ބުރު ނިންމާލުމަށްފަހު ބައިވެރިންނާ މުޚާޠަބުކޮށް ވާހަކަ ދައްކަވަމުން ބައިކް މޯލްޑިވްސްގެ ޗެއަރޕާސަން ޒުލޭހާ ޙަސަން ދީދީ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބައިކް މޯލްޑިވްސްގެ ގޮފިތަށް ހެދުމަކީ އަމާޒެއްކަމަށެވެ. އެގޮތުން ދެން އެންމެ އަވަހަށް އެ ޖަމްޢިއްޔާގެ ގޮތްޕެއް ހުޅުވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން ބައިކް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަސްމާ ޙަސަން ވިދާޅުވީ ކުޅުދުއްފުށީގައި ޓުއަރއެއް ބޭއްވުމަށް އެ ޖަމްޢިއްޔާއިން ކުރަމުންދާ ދަތުރުގެ މައިގަނޑު ބޭނުމަކީ އެރަށުގައި ބައިކް މޯލްޑިވްސްގެ ގޮތްޕެއް ހުޅުވުމާ ގުޅޭގޮތުން ކައުންސިލާއެކު މަޝްވަރާކުރުންކަމަށެވެ.

"
"ބައިކް މޯލްޑިވްސްގެ ގޮތްޕެއް ކުޅުދުއްފުށީގައިވެސް ހުޅުވަން ބޭނޫންވާތީ އެކަމާގުޅޭ މަޝްވަރާތައް ކައުންސިލާއެކު ކުރުމަށް ހަޤީޤަތުގައި އަޅުގަނޑުމެން މިރަށަށް މިއައީ"
އަސްމާ ޙަސަން

ބައިކް މޯލްޑިވްސް އިން ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ޓުއާގައި ބައިކް މޯލްޑިވްސްގެ 30 މެމްބަރުން ބައިވެރިވެއެވެ.

މިޓުއަރގެ ތެރެއިން އޮންނަ މަޢުލޫމާތު ދިނުމުގެ ސެޝަން މިރޭ ހދ އަތޮޅު ތަޢުލީމީ މަރުކަޒުގައި އޮންނާނެއެވެ. އަދި މާދަމާ ހެނދުނު 6 ޖަހާއިރު މޯނިންގ ރައިޑް ބާއްވާއިރު ހަވީރު 4 ޖަހާއިރު ކުޑަކުދިންނަށް ޚާއްސަކޮށް، ކިޑްސް ރައިޑް އޮންނާނެއެވެ.

މިޓުއަރއަށް ބޮޑު ތަރުހީބެއް ލިބޭކަމަށް ބެލެވޭއިރު މިކަމުގައި ކައުންސިލްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުންދާކަމަށްވެސް ބައިކް މޯލްޑިވްސްއިން ބުނެއެވެ.