ޚަބަރު

ރައުދާގެ މަރުގެ މައްސަލައިގެ ތަޙްޤީޤު ރިޕޯޓް ރައީސަށް ފޮނުވައިފި


ބަންގްލަދޭޝްގައި މަރުވެފައި އޮއްވާ ފެނުނު ދިވެހި ދަރިވަރު ރައުދާ އާޠިފްގެ މަރުގެ މައްސަލަ ތަހްޤީކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާފައިވާކަމަށް މަރުތަކުގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ރިޔާސީ ކޮމިޝަނުން މިއަދު ވިދާޅުވީ، ރައުދާ އާތިފް މަރުވި މައްސަލަބަލާ ނިންމުމަށްފަހު އެކުލަވާލި ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަދު ފޮނުވާފައިވާކަމަށެވެ.

ބަންގްލަދޭޝްގެ އިސްލާމީ ބެންކް މެޑިކަލް ކޮލެޖުގައި ތައުލީމް ހާސިލްކުރަމުންދިޔަ ޢުމުރުން 21 އަހަރުގެ ރައުދާ މަރުވެފައި އޮތްވާ ފެނުނީ އޭނާ ދިއރިއުޅުނު ކޮޓަރިތެރޭގަައި ދަންޖެހިފައި ހުއްޓާ 2017ވަނަ އަހަރުގެ މާޗްމަހުގެ 29ވަނަ ދުވަހުއެވެ.

ރައުދާ އާތިފް މަރުވިއިރު އޭނާ ދިޔައީ ބަންގްލަދޭޝްގެ އިސްލާމިކް ބޭންކް މެޑިކަލް ކޮލެޖުން އެމްބީބީއެސް ހަދަމުންނެވެ. ރައުދާގެ މަރުގެ މައްސަލަ ތަހްޤީގްކުރުމަށް އޭނާގެ ހަށިގަނޑުވަނީ ޕޯސްޓްމޯޓަމްވެސް ހަދާފައެވެ. އެއަށްފަހު އޭނާ މަރުވީ އަމިއްލައަށް ދަންޖެހިގެންކަމަށް ބަންގްލަދޭޝް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ރައުދާގެ އާއިލާއިން އަންނަނީ އެކަން ދޮގުކުރަމުންނެވެ.

މި މައްސަލާގައި ދިވެހި ފުލުހުންގެ ޓީމެއްވެސް ބަންގްލަދޭޝަށްގޮސް ތަހްޤީޤްގައި ބައިވެރިވެފައިވެއެވެ.