ޚަބަރު

ގއ.މާމެންދުއާއި، ނިލަންދޫގައި އާ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ފަށައިފި


ގއ.މާމެންދުއާއި، ގއ.ނިލަންދޫގައި އާ އިންޖީނުގެއެއް އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި ދެރަށުގެ އާ އިންޖީނުގޭގެ މަސައްކަތް ފައްޓަވައިދެއްވުމުގެ ގޮތުން ބިންގާ އަޅުއްވައިދެއްވީ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު އާއި ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބް ޢަބްދުﷲއެވެ.

ގއ.ނިލަންދޫގެ އާ އިންޖީނުގޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ "ކިއު ވަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް"އާއެވެ. ހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކުރާ މި އިންޖީނުގޭގެ މަސައްކަތް އަންނަ އަހަރުގެ އޭޕްރީލް މަހު ނިންމާނެކަމަށް ފެނަކައިން ބުނެއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ކޮންޓްރެކްޓަރާއެކު ސޮއިކޮށްފައިވަނީ ސެޕްޓެމްބަރުމަހުގައެވެ. ނިލަންދުއަށް ކަރަންޓު ފޯރުކޮށްދިނުމަށް 382 ކިލޯވޮޓްގެ ކަރަންޓު ކެޕޭސިޓީ އަންނަނީ ބޭނުންކުރަމުންނެވެ.

ގއ.މާމެންދޫގެ އާ އިންޖީނުގޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ "ޓިކް ޓެކް އިންވެސްޓްމެންޓް"އާއެވެ. 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހަދާ އާ އިންޖީނުގޭ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ނިންމާލާނެކަމަށް ފެނަކައިން ބުނެއެެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސެޕްތެމްބަރު މަހުއެވެ.

މާމެންދޫގެ މިހާރުގެ ކަރަންޓު ކެޕޭސިޓީއަކީ 640 ކިލޯވޮޓެވެ. އާ އިންޖީނުގެތައް އިމާރާތްކުރާއިރު، އިންޖީނު ބަހައްޓާ އިމާރާތާއި، އިދާރީ މަސައްކަތް ކުރާ އިމާރާތެއްވެސް އެޅުމަށްވަނީ ހަމަޖެހިފައެވެ.

ފެނަކައިން ކަރަންޓުގެ ޚިދުމަތްދޭ ރަށްތަކުގައި އާ އިންޖީނުގެތައް އަޅަން ފަށާފައިވަނީ، މީހުން ދިރިނޫޅޭ ސަރަޙައްދުތަކަށް އިންޖީނުގެތަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ.