ޚަބަރު

ފެހެންދޫއާއި ގޮއިދޫ ކޯޒްވޭއަކުން ގުޅާލަނީ


ބ. ފެހެންދޫއާއި ގޮއިދޫ ކޯޒްވޭއަކުން ގުޅާލަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ. މި މަޝްރޫއުއަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ (210,000) ދުއިސައްތަ ދިހަހާސް ރުފިޔާ ހިމަނާފައެވެ.

ފެހެންދޫއާއި ގޮއިދޫއަކީ އެއް ފަޅެއްގައި އޮންނަ ދެރަށެވެ. ފެހެންދޫ ސްކޫލު ބަންދުކުރި ފަހުން އެތައް އަހަރެއް ވެފައިވާއިރު އެރަށު ކުދިން ސްކޫލަށް ދަނީ ޑިންގީއެއްގައި 20 ވަރަކަށް މިނެޓުގެ ދަތުރެއް ކުރުމަށް ފަހު އެ އަތޮޅު ގޮއިދޫއަށެވެ. ކިތަންމެ ކަނޑު ގަދަ ނަމަވެސް މި ކުދިން އަންނަނީ މި ދަތުރުކުރަމުންނެވެ. ފެހެންދޫގެ އާބާދީގައި ގާތްގަނޑަކަށް 290 މީހުން ދިރިއުޅެމުންދެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފެހެންދޫއަށް ކުރެއްވި ދަތުރުފުޅެއްގައި ވަނީ ކިޔަވާ ކުދިންނާއި ބެލެނިވެރިންނަށް ލުޔެއް ހޯދައިދިނުމަށް ދެ ރަށް ކޯޒްވޭއަކުން ގުޅާލަ ދެއްވާނެކަމަށް ވިދާޅުވެފައެވެ.

ގޮއިދޫ ސްކޫލުގައި މިވަގުތު ފެހެންދޫއަށް ނިސްބަތްވާ ވިއްސަށް ވުރެ ގިނަ ދަރިވަރުން ދަނީ ތަޢުލީމު ހާސިލްކުރަމުންނެވެ. އޭގެ ތެރޭގައި ކޮންމެ ދުވަހަކުހެން ފެހެންދޫއިން ދަތުރުކޮށްފައި ގޮއިދޫ ސްކޫލަށް ކިޔެވުމަށްދާ ކުދިން ހިމެނެއެވެ.

2008 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ބ. ފެހެންދޫ ސްކޫލް ބަންދުކުރެއްވުމާއި ގުޅިގެން އެރަށުގައި ތަޢުލީމް ހާސިލްކުރަމުންދިޔަ ގިނަ އަދަދެއްގެ ކުދިން ވަނީ އެއަތޮޅުގެ އެކި ރަށްތަކަށް ބަދަލުވެފައެވެ. އަންނަ އަހަރަށް ދަޢުލަތުން ލަފާކުރި ބަޖެޓުގައި ކޯޒްވޭގެ އިތުރުން، ފެހެންދޫ އަދި ގޮއިދޫގެ ފެނާ ނަރުދަމާ ގާއިމުކުރުމާއި، ފެހެންދޫ ސިއްހީ މަރުކަޒު އިމާރާތްކުރުމާއި ފެހެންދޫ ބަނދަރު ހަދައި ގޮއިދޫ ބަނދަރު އަޕްގްރޭޑުކުރަން ވަނީ ހިމަނާފައެވެ.