ކުޅިވަރު

ތައިލެންޑްގެ ޤައުމީ ޓީމު އަތުން ދިވެހިރާއްޖެ ބޮޑު ތަފާތަކުން ބަލިވެއްޖެ


ތައިލެންޑްގެ ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު އަތުން ރާއްޖޭގެ ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.

ކުރިޔަށްއޮތް ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ތައިލެންޑްގައި ކޭމްޕްކޮށް އެޤައުމުގައި އަންނަނީ ތަމްރީން ހަދަމުންނެއެވެ.

މި ޓްރެއިނިންގ ކޭމްޕްގައި ރާއްޖޭގެ ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމާއި ތައިލެންޑްގެ ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ބައްދަލުކުރި މެޗު 99 ޕޮއިންޓް 12 ޕޮއިންޓުން މެޗު ކާމިޔާބުކުރީ ތައިލެންޑްއެވެ.

މެޗު ފަށައިގެން ފުރަތަމަ ކުއާޓާގައި ތައިލެންޑް ޓީމުންވަނީ ގާތްގާތުގައި ގިނަ ޕޮއިންޓްތަކެއް ސްކޯރ ކޮށްފައެވެ. އެގޮތުން އެޓީމުން އެންމެ ގިނައިން ޖަހާފައިވަނީ 3 ޕޮއިންޓެވެ. މެޗުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު ތައިލެންޑްއިން ވަނީ 37 ޕޮއިންޓް ހޯދާފައެވެ. ރާއްޖޭގެ ޓީމަށް މެޗުގެ ފުރަތަމަ ކުއާޓާގައި އެންމެ ޕޮއިންޓެއްވެސް ސްކޯރ ނުކުރެވެއެވެ.

މެޗުގެ ދެވަނަ ކުއާޓާގައި ތައިލެންޑްގެ ޓީމުން އެންމެ ތަންކޮޅެއްވެސް ރާއްޖޭގެ ކުޅުންތެރިންނަށް ދޫނުދީ ދިޔައީ ސްކޯރ ކުރަމުންނެއެވެ. މެޗުގައި ތައިލެންޑްގެ ކުޅުންތެރިންގެ ފަރާތުންވަނީ އަވަސް ކުޅުމެއް ފެނިގެންގޮސްފައެވެ. މެޗުގެ ފުރަތަމަ ކުއާޓާއެކޭ އެއްގޮތަށް ރާއްޖެއަށް އެންމެ ޕޮއިންޓެއްވެސް ނުލިބި ދެވަނަ ކުއާޓާ ނިމިގެން ދިޔައީ ތައިލެންޑް ޓީމުން 59 ޕޮއިންޓް ހޯދައިގެންނެވެ.

މެޗުގެ ތިންވަނަ ކުއާޓާގައި ރާއްޖޭގެ ޓީމުގެ ފަރާތުން ވަނީ ކުރީ ދެ ކުއާޓާގެ ކުޅުމަށްވުރެއް ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން މެޗުގައި ރާއްޖޭއިން ހޯދި 12 ޕޮއިންޓްގެ ތެރެއިން ގިނަ ޕޮއިންޓްތައް ހޯދީވެސް 3 ވަނަ ކުއާޓާގައެވެ. ތިންވަނަ ކުއާޓާ ނިމުނުއިރު ނަތީޖާއަކީ 81 ޕޮއިންޓް 7 ޕޮއިންޓްއެވެ.

މެޗުގެ ފަހު ކުއާޓާގައިވެސް ރާއްޖެއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މި މެޗު ތައިލެންޑްގެ ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުން ކާމިޔާބުކުރީ 99 ޕޮއިންޓް 12 ޕޮއިންޓްއިންނެވެ.

މިމަހުގެ 1 އިން 10 ގެ ނިޔަލަށް ތައިލެންޑްގައި ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ކޭމްޕްކޮށްފައިވާއިރު މި ކޭމްޕްގައި ޤައުމީ ޓީމު ވަނީ 3 މެޗެއް ކުޅެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ތައިލެންޑްގެ ރަންގްސިޓް ޔުނިވާސިޓީގެ މައްޗަށް ކުރިހޯދިއިރު ދެވަނަ މެޗުގައި ތައިލެންޑް ޔުނިވާސިޓީ ޗެމްޕިއަން ސިރްޕަތުމް ޔުނިވާސިޓީއަތުން ވަނީ ބަލިވެފައެވެ.