ޚަބަރު

ރަކީދޫގައި ސްކޫލެއް އެޅުމަށް ދިރާސާކުރަނީ


ވ. ރަކީދޫގައި ސްކޫލެއް އެޅުމަށް ދިރާސާ ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ އެރަށައް ފެނިފައިވަނީ ހިތާމަވެރި މަންޒަރެއްކަމަށެވެ. އެ ރަށުގެ މުސްކުޅިން ތިބީ ވަރަށް އެކަނިވެރި ހާލެއްގައި ކަމަށާއި އެހެންކަމުން ރަކީދޫގައި ސްކޫލެއް އަޅަން މަސައްކަތް ކުރަމުން ގެންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ ރަށުގައި ސްކޫލެއް އެޅުމަކީ ފީޒިބަލް ކަމެއްތޯ ބަލަން ދިރާސާތަކެއް ހަދަމުން އަންނަ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރަކީދޫއަކީ އާބާދީގޮތުން 500 މީހުންވެސް ހަމަނުވާ ރަށެކެވެ. އެރަށު ގިނަ ކުދިން ކިޔަވަން ގޮސްތިބެނީ އެރަށާ ކައިރީގައި އޮންނަ ފުލިދޫއަށެވެ.

މިނިސްޓަރުގެ މިވާހަކަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ރަކީދޫގައި ސްކޫލެއް އަޅާނަމަ އެ ސްކޫލަށް އިބްތިހާލުގެ ނަމުން ނަންދިނުމަށް އެދިވެގެންވާކަމަށް ވިދާޅުވެފައެވެ.

މުޙައްމަދު އިބްތިހާލްއަކީ އެ ރަށުގައި އަނިޔާވެރި ގޮތަލަށް މަރާލާފައިވާ ކުޑަކުއްޖެކެވެ. އިބްތިހާލުގެ މަރާއި ގުޅިގެން ދައުލަތުން އަންނަނީ އެނާގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް ދައުވާކުރަމުންނެވެ.