ޚަބަރު

ތަރައްޤީގެ މަޝްރޫއުތަކުގައި ދިވެހި ކުންފުނިތަކުގެ ހިއްސާ އޮންނަންޖެހޭ - އަސްލަމް


ބޭރުގެ ކުންފުނިތަކާއި ހަވާލުކުރާ ސަރުކާރުގެ މަޝްރޫޢުތަކަކީ ދިވެހި ކުންފުނިތަކުގެ ބައިވެރިވުން އޮންނަ ގޮތަށް ހިންގާ މަޝްރޫޢުތަކަށް ހެދުމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ހުރި ގޮންޖެހުންތަކަށް ޙައްލުހޯދުމާއި ގުޅޭ ގޮތުން މަސީން ކުރިޔަށް ގެންދާ ކޮންފަރެންސް ފައްޓަވާދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަަދު އަސްލަމް ވިދާޅުވީ ސަރުކާރުގެ ބަޖެޓުގެ ތިން ބައިކުޅަ އެއް ބަޔަކީ ޕީއެސްއައިޕީ މަޝްރޫޢުތައްކަމަށެވެ. ފެނާއި ނަރުދަމާ އާއި ބަނދަރުގެ ގިނަ މަޝްރޫޢުތަކެއް އަންނަ އަހަރުގެ ބަޖެޓުގައިވެސް ހިމަނާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ މި ދާއިރާތަކުގައި ދިވެހި ކުންފުނިންތަކުގެ ރޯލު ބޮޑުވާންޖެހޭކަމަށެވެ. އެހެންނަމަވެސް ދިވެހި ކޮސްޓްރަކްޝަން ކުންފުނިތައް ބޮޑަށް ބަރޯސާވަނީ އިމާރާތްކުރުމުގެ މަސައްކަތްތަކަށް އެކަނިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޮންސްޓްރަކްޝަން ދާއިރާ ފުޅާކޮށް، ފެންވަރު ރަނގަޅު މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ދޭންޖެހޭ އެއްބާރުލުން ދެއްވާނެކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ބިޑް ކުރުމުގެ މަރުހަލާއާއި، އެތެރެކުރާ މުދަލުގެ ފެންވަރު ބެލުމާއި މަސައްކަތްތެރިންގެ ކަންކަން ޤަވައިދުގެ ތެރެއިން ބެލެހެއްޓުމަށް އެހީތެރިކަން ދެމުން ގެންދަވާނެކަމަށްވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

" ބޭރު ކުންފުނިތަކުގެ އެހީ އެބަ ބޭނުންވާ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް. ނަމަވެސް ސަރުކާރުން ޚަރަދުކުރާ މަޝްރޫޢުތަކުގެ މުޅި ޕްރޮޖެކްޓްގެ ފައިދާ ބޭރު ކުންފުންޏަކަށް ދިނުމުގެ ބަދަލުގައި، ދިވެހި ކުންފުނިތަކުގެ ހިއްސާ އޭގައި ހިމެނޭހެން ޕްރޮޖެކްޓް ދޭން މަސައްކަތް ކުރާނަން. ޤާނޫނެއްގެ ތެރެއިން އެކަން ކުރަން މަސައްކަތް ކުރާނަން." މިނިސްޓަރ ވިދާޅުވިއެވެ.

" ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޗެލެންޖަރސް އެންޑް ޕޮސިބަލް ސޮލިއުޝަން ކޮންފަރެންސް " ގެ ނަމުގައި މަސީން ކުރިޔަށް ގެންދިޔަ މި ކޮންފަރެންސްގައި ކަމާއި ގުޅޭ 10 މުވައްސަސާއަކުން 50 ވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ.

މި ކޮންފަރެންސްގައި ވާހަކަދައްކަވަމުން މަސީގެ ރައީސް މުޙައްމަދު އަލީ ޖަނާހު ވިދާޅުވީ މި ކޮންފަރެންސްގެ މަޤްސަދަކީ ކޮންސްޓްރަކްޝަން ދާއިރާގައި ހުރި މައްސަލަތައް ދެނެގަނެ، އޭގެ ޙައްލާއި ހަމައަށް ވާސިލްވެވޭނެ ގޮތް ދެނެގަތުންކަމަށެވެ. މި ކޮންފަރެންސްގައި ކޮންސްރަކްޝަން ދާއިރާއާއި ގުޅޭ 6 ކަރުދާހެއް ވަނީ ހުށައަޅާފައިވާކަމަށެވެ.

"ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްގައި ބޮޑެތި ގޮންޖެހުންތައް އެބަހުރި. ވަކި ޤައުމުތަކަކުން މެޓީރިއަލްގެ ލޮޖިސްޓިކް ކޮންޓްރޯލްކުރަނީ. 50 މިލިއަން ޑޮލަރު ރާއްޖެއިން އެބަ ބޭރުކުރޭ އަހަރަކު. މިއީވެސް ސީރިއަސް މައްސަލައެއް." ޖަނާހު ވިދާޅުވިއެވެ.

މީ ކޮންފަރެންސް މަސީން ބާއްވާ 3 ވަނަ ފަހަރުއެވެ.