ޚަބަރު

ބަޖެޓަށް ބަހުސްކުރަން ކޮންމެ މެމްބަރަކަށް 22 މިނިޓް


އަންނަ އަހަރަށް ލަފާކޮށް ދައުލަތުން މަޖިލީހަށް ހުށައެޅި ބަޖެޓްގެ ބަހުސް މަރުހަލާގައި ކޮންމެ މެމްބަރަކަށް 22 މިނިޓް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން ނިންމައިފިއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހައެޅުން ބަޖެޓްގެ މަސައްކަތް ކުރުމަށް މަޖިލީހުގެ ބަޖެޓް ކޮމިޓީން އެކުލަވާލާ ކޮމެޓީގެ މަސައްކަތް ވަނީ ފަށާފައެވެ. ކޮމިޓީގެ ރޭގެ ބައްދަލުވުމުގައިވަނީ ކޮމިޓީގެ މުޤައްރިރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒު އައްޔަންކޮށްފައެވެ. ނައިބް މުޤައްރިރަކީ އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސެއިންއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަޖެޓަށް ބަހުސްކުރުމަށްޓަކައި ފުރަތަމަ މަރުހަލާގައި ކޮންމެ މެމްބަރަކަށް 15 މިނިޓް ދިނުމަށް ކަނޑައަޅާފައިވާކަމަށެވެ. އަދި ކޮންމެ މެމްބަރަކަށް ކޮމިޓީން ބަޖެޓް ފާސްކުރުމަށްފަހު ތަޅުމަށް ހުށަހެޅުމުން ބަޖެޓަށް ވާހަކަ ދައްކަން 7 މިނެޓްގެ ވަގުތުކޮޅެއް ލިބިގެންދާނެކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލީހުގައި ބަޖެޓަށް ބަހުސް ކުރުމަށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ އަންގާރަދުވަހުއެވެ. ބަހުސް ކުރިއަށްދާ ދުވަސްވަރު ދުވާލާއި ރޭގަނޑުވެސް މަޖިލިސް ޖަލްސާ އޮންނާނެކަމަށްވެސް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިބަޖެޓަކީ މިހާތަނަށް ރާއްޖޭގެ ތާރީޚްގައި ހުށައެޅި އެންމެ ބޮޑު ބަޖެޓެވެ. ބަޖެޓް ދިރާސާކުރުމަށް ފޮނުވާފައިވަނީ މާލިއްޔަތު ކޮމިޓީއާއި، އިޤްތިޞާދީ ކޮމިޓީ އެއްކޮށްލައިގެން އުފައްދާފައިވާ ބަޖެޓް ދިރާސާކުރާ ކޮމިޓީއަށެވެ. މަޖިލީހުގެ ޤަވާއިދު ބުނާ ގޮތުން ބަޖެޓް ބަހުސް ކުރިއަށް ގެންދަންޖެހޭނީ ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށައަޅާތާ ތާރީޚުން ފެށިގެން ހަތް ދުވަހުގެ މުހުލަތެއް ދިނުމަށްފަހުއެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓްގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ދައުލަތުން ލަފާކޮށްފައިވަނީ 35.6 ބިލިއަން ރުފިޔާއެވެ. އަދި އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 29.9 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ވާނީ 5.7 ބިލިއަން ރުފިޔާއިންކަމަށާއި މިއީ ޖީޑީޕީގެ ނިސްބަތުން 5.8 އިންސައްތަކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.