ޚަބަރު

ޓެކްނޮޮލޮޖީގެ އެޙީީގައި ދަނދުވެރިކަން ކުރަން މާބޮޑު ބިމެއް ބޭނުން ނުވޭ- އެގަރިކަލްޗަރ މިނިސްޓަރ


ޓެކްނޮޮލޮޖީގެ އެހީގައި ދަނޑުވެރިކަން ކުރަން މާބޮޑު ބިމެއް ބޭނުން ނުވާކަމަށާ ރާއްޖޭގައި ހުރި ބިންކުޑަ ފަޅުރަށް ތަކުގައިވެސް ދަނޑުވެރިކަމުން ނަފާހޯދޭނެ މަސައްކަތް ކުރެވޭނެކަމަށް އެގްރިކަލްޗަރ މިނިސްޓަރ ޒަހާވަޙީދު ވިދާޅުވެއްޖެ.

މިނިސްޓަރ މިހެންވިދާޅުވީ ބ.އަތޮޅުގައި ދަނޑުވެރިކަން ތަރައްޤީކުރުމަށް ދޫކޮށްފައިވާ އައިދޫ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ނިންމާލެއްވުމަށްފަހު ޕީއެސްއެމްއަށް ދިން އިންޓަރވިއު އެއްގައެވެ.

ރާއްޖޭގެ އަތޮޅުތަކުގައި ހުރި މިކަހަލަ ރައްތަކުގައި މަސައްކަތް ކުރަމުންދާއިރު ގޮންޖެހުންތަކެއް ހުންނާނެކަމަށާ، އެއަތޮޅެއްގެ ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރުމުން މިކަންކަން ވަރަށް ބޮޑައްހައްލުވެގެންދާނެކަމަށް ދެކެވަޑައިގަންނަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް ދަނޑުވެރިކަމުން ހައްދާ ބާވަތްތައް އެތެރެކުރުން މަދުކުރުން ކަމަށާ، މިކަންކުރެވޭނީ ދަނޑުވެރިކަން ކުރުމަށް ފުރުސަތު ތަކެއް ހުޅުވާލެވިގެންކަމަށް ޤަބޫލު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ލޯނު ދޫކޮށްގެން މިކަމަށް މަގު ފަހި ކޮށްދިނުމުގެ މަސައްކަތްތަކެއް ފައްޓަވައިގެން ކުރިއަށްގެންދަވާކަމަށް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.
މިކަންކަން ދާއިމީގޮތެއްގައިކުރުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަޣީންކަން ވެސް މިނިސްޓަރ ވަނީ ދެއްވާފައެެވެ.
ދަނޑުވެރިކަމުން ހައްދާ ބާވަތްތައް ހައްދަނީ ޞިއްހަތަށް އެންމެ އެކަށޭނެ ގޮތަކަށްތޯ ބެލުން އެއީ މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއްދީގެން ބައްލަވާނެކަމެއްކަމަށް ވެސް ވިދާލުވިއެވެ.

ބ.އަތޮޅު އައިދޫ އަކީ ބ.އަތޮޅުގައި އޮންނަ ފަޅުރައްތަކުގެ ތެރެއިން ބިންކުޑަ ރަށެކެވެ. އެރަށުގައިވަނީ ކުޑަބިމެއްގައި ކުރެވޭ ގޮތަށް ދަނޑުވެރިކަމުގެ މަސައްކަތް ފަށައި އެރަށުގެ އުފެއްދުން މާރކެޓަށް ނެރުމުގެ މަސައްކަތް ރަސްމީ ކޮށް ފަށާފައެވެ.