ސިޔާސީ

ބަޖެޓުގައި ކޮންމެ ކައުންސިލަކަށް 3 މިލިއަނާއި 33 މިލިއަން ރުފިޔާ އާ ދެމެދުގެ ފައިސާ


ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބަޖެޓުން ތިން މިލިއަނާއި ތެއްތިރީސް މިލިއަން ރުފިޔާއާ ދެމެދުގެ ފައިސާ ކައުންސިލްތަކަށް ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓުގައި ކަންސިލްތަކަށް 1.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ކަނޑައަޅާފައިވާ ފައިސާ ކައުންސިލްތަކަށް ބެހުމަށް ހަމަޖެހިފައިވަނީ ފިޒިކަލް ފޯމިއުލާއެއްގެ ދަށުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ ވިދާޅުވީ، ކައުންސިލްތަކަށް ބަޖެޓުން ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ ރަށްރަށުގެ އާބާދީއާއި، ރަށުގެ ބޮޑުމިނާއި، ކައުންސިލްތަކުގެ ޒިންމާއަށް ބެލުމަށްފަހުކަމަށެވެ. އަދި އަތޮޅު ކައުންސިލެއްނަމަ އެ އަތޮޅު ކައުންސިލަކާއި، އެ އަތޮޅުގެ އެހެން ރަށްރަށާއި އޮންނަ ދުރުމިނާއި، ރަށްރަށާއި މާލެއާއި އޮންނަ ދުރުމިނަށްވެސް ބަލާފައިވާނެކަމަށްވެސް ޝައުނާ ވިދާޅުވިއެވެ.

ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބެޖެޓުގެ ތަފްސީލް ހިއްސާކުރައްވަމުން ޝައުނާ ވިދާޅުވީ، އާބާދީގައި ފަސްސަތޭކައަށްވުރެ މަދު ރަށްރަށުގެ ކައުންސިލްތަކަށް 3.82 މިލިއަން ރުފިޔާގެ ބަޖެޓެއް ލިބޭނެކަމަށެވެ. އަދި އާބާދީގައި ފަސްސަތޭކައާއި އެއްހާހާއި ދެމެދުގެ އާބާދީ އޮންނަ ރަށްރަށުގެ ކައުންސިލްތަކަށް 5.4 މިލިއަން ރުފިޔާ ލިބޭނެކަމަށާއި، އެއްހާސް މީހުންނާއި ދެހާސް މީހުންގެ އާބާދީ އޮންނަ ރަށްރަށުގެ ކައުންސިލްތަކަށް 7.9 މިލިއަން ރުފިޔާ ލިބިގެންދާނެކަމަށް ޝައުނާ ވިދާޅުވިއެވެ.

މީގެ އިތުރުން ދެހާހާއި ފަސް ހާހާއި ދެމެދުގެ އާބާދީގެ ރަށްރަށުގެ ކައުންސިލްތަކަށް 13.3 މިލިއަން ރުފިޔާ އަދި ފަސްހާހުން މަތީގެ އާބާދީ އޮންނަ ކައުންސިލްތަކަށް 33 މިލިއަން ރުފިޔާގެ ބަޖެޓެއް ލިބޭނެކަމަށްވެސް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ވިދާޅުވިއެވެ.

ޝައުނާ ވަނީ ބައެއް ރަށްތަކަށް 400 އިންސައްތައަށްވުރެ ބޮޑު ބެޖެޓެއް ހަމަޖެހިގެންދާކަންވެސް ފާހަގަކުރައްވާފައެވެ. އަދި ބަޖެޓާއެކު ޤާނޫނުން ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާތައް ފުއްދޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ވަރަށް ބޮޑު އުންމީދުތަކާއެކީގައި މި މަސައްކަތްކުރަނީ ކައުންސިލްތަކުން މި ވަގުތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހޯދާ އަދި ރައްޔިތުންނަށް ބޭނުންވެފައިވާ އެތައް ޒަމާނެއްވަންދެން ނުލިބިފައިވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިޚްލާސްތެރިކަމާއެކު މިކަންތައް ކުރެވޭނެކަމަށް." ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ، ކައުންސިލްތައް ބާރުވެރިކުރުމަށް ލާމަރުކަޒީ ޤާނޫނަށް ގެންނަ އިސްލާޙުތަކާއިއެކު ހުރިހާ ކައުންސިލަކަށްވެސް ވިޔަފާރިކުރުމުގެ ބާރު ޤާނޫނުން ލިބިގެންދާނެކަމަށެވެ. އެހެންކަމުން ކޮންމެ ރަށަކަށްވެސް އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އިޞްލާޙުތަކުގެ ތެރޭގައި ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ ޖުމްލަ މިންވަރަކީ ޑޮމެސްޓިކް ރެވެނިއުގެ 5 އިންސައްތަ އިތުރުކުރުމާއި، ރަށްރަށުގެ ބިމާއި، ފަޅާއި ފަރުފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ ޢާމްދަނީގެ %40 ކައުންސިލްތަކަށް ލިބޭގޮތަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ކައުންސިލްތަކުން ފޯރުކޮށްދޭ މުނިސިޕަލް ޚިދުމަތްތަކުގެ ފީގެ ގޮތުގައި ލިބޭ އާމްދަނީ އެއީ ކައުންސިލްތަކަށް ލިބޭ އާމްދަނީގެ ގޮތުގައި ކަނޑައަޅާފައެވެ.