ޚަބަރު

ޞިއްޙީ ޚިދުމަތް ޑިޖިޓަލައިޒް ވުމުން ރަށްރަށުގައި ފޯރުކޮށްދެވޭ ޚިދުމަތްތަކަށް އިތުރު ކުރިއެރުން ލިބޭނެ - މިނިސްޓަރ އަމީން


އަންނަ އަހަރުގެ ތެރޭގައި މުޅި ރާއްޖޭގެ ސިއްޙީ ޚިދުމަތް ޑިޖިޓަލައިޒްވުމުން ރަށްރަށުގައި ސިއްޚީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ވަރަށްބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ހެލްތް މިނިސްޓްރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ކުރެއްސެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީން ވިދާޅުވީ ރަށްރަށުގައި ސިއްޚީ ޚިދުމަތް ފޯރުކޮށް ދިނުމުގައި ޒަމާނުއްސުރެ އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސައްކަތްތައް ޑިޖިޓަލައިޒް ނުވެ އޮތުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިސަރުކާރުން ސިއްޚީ ޚިދުމަތް ފޯރުކޮށްދިނުމުގައި ލާމަރުކަޒީ އުސޫލުން ޚިދުމަތް ފޯރުކޮށް ދިނުމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވާކަމަށެވެ.

އެގޮތުން މިއަހަރުގެ މިހާތަނަށްވެސް ރަށްރަށުގައި ޞިއްޙީ ޚިދުމަތް ފުޅާކޮށް ހިންގުމަށްޓަކައި ސިއްޚީ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމަށް ޕްރޮކިއުމަންޓުގެ މަސައްކަތުގެ 90 އިންސައްތަ ޑިޖިޓަލައިޒް ކޮށްފައިވާކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ ހިއުމަން ރިސޯސަސްއާއި، މިނޫންވެސް ސިއްޚީ ޚިދުމަތާއި ގުޅުންހުރި ކަންކަން ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރަށްރަށުގައި ސިއްޚީ ޚިދުމަތް ފޯރުކޮށް ދިނުމުގަައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ފިނޭންސް މިނިސްޓްރީއާއި ވާހަކަ ދައްކައިގެން މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެގޮތުން ރަށްރަށުގެ ސިއްޙީ މަރުކަޒުތަކަށް ބޭނުންވާ ސާމާނާއި ތަކެތި ހޯދުމަށާއި ބަޖެޓް ހޯދުމަށް އަތޮޅު ކައުންސިލަށް ދާންޖެހޭ ޖެހުން ނައްތާލައި، ރަށްރަށުގެ ސިއްޚީ ޚިދުމަތްދޭ ތަންތަނުން މި ޚިދުމަތްތައް ލިބޭނެ ގޮތަކަށް ނިޒާމަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.