ޚަބަރު

ގާޒީ ހައިލަމް މައްޗަށް ޖިނާޢީ ތަހްގީގެއް ހިންގަންޖެހޭ - އެމްޑީޕީ


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހާ ދަމާފައި ގެންދާތަން ދައްކުވައިދޭ ކުރެހުމެއް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ވައިބަރ ގުރޫޕަކަށް ފޮނުއްވި މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

ނަސްރުގެ ދުވަހުގެ ތަހުނިޔާ މެސެޖެއްގެ ގޮތުގައި ކްރިމިނަލް ކޯޓުގެއިސް ޤާޟީ ފޮނުވި އެ ފޮޓޯއާ ގުޅިގެން ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ނެރުނު ބަޔާނެއްގައ ބުނެފައިވަނީ ހައިލަމް އެ އަމަލު ހިންގާފައިވަނީ ކޮރަޕްޝަނާއި، ފަސާދައިގެ ދަހިވެތިކަމުގައި ކަމަށެވެ. އަދި ޢާންމުންގެ މެދުގައި އެ ތުހުމަތު ކުރެވެމުންދާތީ އޭނާގެ މައްޗަށް ޖިނާޢީ ތަޙްޤީޤެއް ހިންގަންޖެހޭ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

‎" ޢަދުލް އިންސާފު ޤާއިމުކުރުމުގެ ދާއިރާގެ މިނިވަންކަމަށް ރައްކާތެރިވެ ތިބޭ ޙާލު، އެ ނިޒާމުގެ ހައިބަތާއި، ޤަދަރު ޙިމާޔަތްކުރުމަށާއި، ކޯޓުތަކުގެ މައްޗަށް ޢާންމުންގެ މެދުގައި އިތުބާރާއި ޔަޤީންކަން އުފައްދައި ދެމެހެއްޓޭނެ މަގުން އަޚްލާޤާއި، ސުލޫކީ މިންގަނޑު ބެހެއްޓުމަށް ފަނޑިޔާރުންގެ މައްޗަށް ދުސްތޫރީ އަދި ޤާނޫނީގޮތުން ލާޒިމެވެ. އަދި ފަނޑިޔާރުންނީ ޒާތީ ތަޢައްސުބެއް ނެތި، ވަކި ފަރާތަކަށް ނުޖެހި، ޢަމަލާއި ބަސް، އުޅުމާއި ގުޅުން ބަހައްޓަން ލާޒިމުވާ ބައެއް މެއެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ފަނޑިޔާރުންނަކީ ޒާތީ ތައައްސުބެއް ނެތި، ވަކި ފަރާތަކަށް ނުޖެހި، އަމަލާއި ބަހުން މަސައްކަތްކުރަންޖެހޭ ބަޔަކަށްވާއިރު ޤާޟީ ހައިލަމްގެ އެ އަމަލަކީ ތަޢައްސަބު ކުރިއަށް ނެރެ، ޤާނޫނު އަސާސީއާއި، ފަނޑިޔާރުންގެ ޤާނޫނާއި، ސުލޫކީ މިންގަނޑާ ޚިލާފަށް އަމަލެއްކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ކްރިމިނަލް ކޯޓްގެ ރެކްރިއޭޝަން ކްލަބްގެ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި މެސެޖްގައި ވާ ފޮޓޯއިން ފެންނަނީ ނޮވެމްބަރު 3ގައި ރާޢްޖެއަށް ހަމަލާދިނުމުގައި ބައިވެރިވި ބައެއް ދިވެހިންގެ ކަރާއި ފައިގައި ހިލިހިލާ އަޅާ ދަމާ މަންޒަރެވެ. އަދި އެމީހުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ހިމަނާފައިވެއެވެ.

ކްރިމިނަލްކޯޓްގެ އިސް ޤާޟީގެ ގޮތުގައި ހުންނެވި ހައިލަމްގެ މި މެސެޖް އާއްމުވެފައި މިވަނީ އޭނާ ބައްލަވަމުންގެ ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލާގެ ހުކުމް އިއްވުން މާދަމާއަށް ތާވަލުކޮށްފައި ވަނިކޮށެވެ.