ޚަބަރު

ދިވެހިރާއްޖެއިން ސެލްޓަ ވީގޯ ސްޕޮންސަކޮށްފި


ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށާއި ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ސްޕެއިންގެ ފުރަތަމަ ޑިވިޝަންގެ ފުޓުބޯޅަ ކުލަބެއްކަމަށްވާ ސެލްޓަ ވީގޯއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ސްޕެއިންގެ ވީގޯގައި މިއަދު ސޮއިކުރެވުނު އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަހީދެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ފަތުރުވެރިކަމާބެހޭ ވަޒީރު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމާއި ކުޅިވަރު ޓޫރިޒަމް ރާއްޖޭގައި ކުރިއެރުވުމުގެ އިތުރުން ދިވެހި ފުޓުބޯޅަ ކުރިއެރުވުމަށް ގިނަ ފުރުޞަތުތަކެއް ތަނަވަސްވެގެންދާނެކަމަށެވެ.

މި އެއްވަސްވުމުގެ ދަށުން ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ސެލްޓަ ވީގޯގެ ތިން ކުޅުންތެރިން ހިމެނޭ ޕޯސްޓަރުތަކެއް ބޭނުންކުރާނެއެވެ. އަދި ސެލްޓަ ވީގޯގެ ޖަރޒީގައި ރާއްޖެ އިޝްތިހާރުކުރުމަށް ބޭނުންކުރާ ޝިއާރުކަމަށްވާ ވިސިޓް މޯލްޑިވްސް ބޭނުންކުރާނެއެވެ. މީގެ އިތުރުން ސެލްޓަ ވީގޯ ކުޅޭ މެޗުތަކުގައި ދަނޑުވަށައިގެން ހުންނަ ލެޑް ބޯޑުތަކަށްވެސް މި ޝިއާރު އަރުވާނެއެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހި ފުޓުބޯޅަ ކުރިއަރުވަން ލިބޭ ފުރުޞަތުތަކުގެ ތެރޭގައި ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ސެލްޓަ ވީގޯގެ އެކަޑަމީން ޖާގަ ލިބުމާއި ޤައުމީ ފެންވަރުގައި ކުޅޭ ޒުވާން ކުޅުންތެރިންނަށް ސެލްޓަ ވީގޯގެ ޓްރައެލްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހިމެނެއެވެ. އަދި ސެލްޓަ ވީގޯއިން ހިންގާ ކޯޗުން ތަމުރީނުކުރުމުގެ ޕްރޮގުރާމްތަކުން ދިވެހި ކޯޗުންނަށް ފުރުޞަތު ދިނުންވެސް ހިމެނެއެވެ. މީގެ އިތުރުން ޤައުމީ ޓީމުގެ މެޑިކަލް ސްޓާފުންނަށް ސެލްޓާ ވީގޯގެ މެޑިކަލް ޓީމާއެކު މަސައްކަތްކޮށް ތަޖުރިބާ ހޯދުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ. މި އެއްބަސްވުމުގެ ދަށުން ޤައުމީ ފުޓުބޯޅަ ޓީމަށް ސެލްޓަ ވީގޯގައި ތަމުރީނު ކޭމްޕެއް ފުރިހަމަކުރުމުގެ ފުރުޞަތުގެ އިތުރުން އެ ކުލަބުގެ ސީނިއާ ޓީމާއެކު އެކުވެރިކަމުގެ މެޗެއްވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ދިވެހިރާއްޖެއިން ސެލްޓަ ވީގޯ ސްޕޮންސަކޮށްފައިވަނީ އަހަރަކު 900،000 އެމެރިކާ ޑޮލަރު ދައްކާގޮތަށް، ތިން އަހަރުގެ މުއްދަތަކަށެވެ.