ތިމާވެށި

"ސާފު ރާއްޖެ" ކެމްޕޭންގެ ދަށުން ހާއްސަ ހަރަކާތްތަކެއް


"ސާފު ރާއްޖެ" މި ކެމްޕޭންގެ ދަށުން، ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރި ކުންފުނިތަކާއި، ސަރުކާރު ވުޒާރާތަކާއި، އަމިއްލަ ޖަމިއްޔާތަކުގެ އިތުރުން މީޑިއާ ހިމެނޭހެން އާއްމުން ހޭލުންތެރި ކުރުވުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެންވަޔަރމަންޓް މިނިސްޓްރީން ވަނީ، މި ކެމްޕޭންގެ ކަންކަން ކުރިއަށްގެންދިއުމަށްޓަކާ މީޑިއާގެ ފަރާތްތައް ހިމެނޭހެން ސްޓިއަރިންގ ކޮމިޓީއެއްވެސް އެކުލަވާލާފައެވެ.މި ކެމްޕޭންގެ ދަށުން މިހާތަނަށް ކުރެވުނު ބޮޑެތި މަސައްކަތްތަކަށް ބަލާލާއިރު، ރައްކާތެރިގޮތުގައި ކުނި ނައްތާލުމާއި ، ފަނާވާ ކުނިން ގަސްކާނާ ތައްޔާރުކުރުމަށް މީހުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މި ޕްރޮގްރާމްގެ ދަށުން، ނ ،ރ ، ބ އަދި ޅ އަތޮޅުގެ 13 ރަށަކުން 16 މީހުން ތަމްރީން ހޯދުމަށް  ސްރީލަންކާއަށްވެސް ވަނީ ފޮނުވާފައެވެ.ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަކީ ސާފުރާއްޖެ ކެމްޕޭން ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އެންވަޔަރަމަންޓް މިނިސްޓްރީން ސިފަކުރެއެވެ."ސާފު ރާއްޖެ" ކެމްޕޭންގެ ދަށުން ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހުޅުމާލެއަށް ވަނީ ސަތޭކަ އަށްޑިހަ ޑަސްބިންވެސް ހަދިޔާކޮށްފައެވެ. ހުޅުމާލެއަށް ހަދިޔާކުރި ޑަސްބިންތަކުގެ ސަބަބުން ހުޅުމާލޭގައި ކުނިމެނޭޖްކުރުމަށް ދިމާވެފައިވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.މީގެ އިތުރުން ރޯދަމަހަށް މާލޭގެ ގެތަކުން އުކާލާ ކުނި ބޭރުކުރުމަށްވެސް ސާފު ރާއްޖެ ކެމްޕޭންގެ ދަށުން މަސައްކަތްތަކެއްކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ. ރޯދައަށް މާލެތެރެ ސާފު ކުރުމަށް ރޯދަމަހުގެ ކުރީކޮޅު ކުރިއަށްގެންދިޔަ ޕްރޮގްރާމް ނިންމާލިއިރު 500 އަށްވުރެ  ގިނަ ލޮރީގެ ކުނި އުކާލާފައިވާ ކަމަށް ހައުސިން މިނިސްޓްރީ މައުލޫމާތުދެއެވެ.އަންނަ އަހަރަކީ ރާއްޖެއަށް ޒިޔާރަތްކުރާ އަހަރުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ އަހަރަށްވުމާއެކު، މިފަދަ ކެމްޕޭނެއް ކުރިއަށްގެންދިއުމުގެ ފައިދާ ސީދާ ރާއްޖޭގެ އިގްތިސާދަށްވެސް ލިބިގެންދާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކުރެއެވެ.ސާފުރާއްޖެ ކެމްޕޭން ކާމިޔާބު ކަމާއެކު ކުރިއަށްގެންދިއުމަށް އެންމެންގެ އެއްބަރުލުން ބޭނުންވެއެވެ. މިކަން ކާމިޔާބުވާނީ ހެޔޮ ގޮތުގައި ކުނި ނައްތާލުމަށް ފަރުދީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް އިތުރުކޮށްގެން ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.