ވިޔަފާރި

މިއަހަރުގެ "ޑަބްލިއުޓީއެމް" ފެއަރ ލަންޑަނުގައި ފަށައިފި


ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފެއަރ، ވޯލްޑް ޓްރެވެލް މާކެޓް "ޑަބްލިއުޓީއެމް" ފަށައިފިއެވެ.

މިމަހުގެ 04 އަކުން 06 އެއްގެ ނިޔަލަށް އެކްސެލް ލަންޑަން އެގްޒިބިޝަން ހޯލުގައި ކުރިއަށްދާ މި ފެއަރގައި ރާއްޖޭގެ 63 ކުންފުންޏަކުން 161 ފަރާތަކުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ޔުނިވަރސަލް ކުންފުންޏާއި ވިލާ އަދި ރިސޯޓު ހޮޓާ ހިންގާ ކުންފުނިތައްކަމަށްވާ ބަނޑޮސް، ކްރައުން އެންޑް ޗަމްޕާ، އަދާރަން، ޓްރިޕަލް އޭ ހޮޓެލްސް އަދި ދާދިފަހުން ހުޅިވިގެންދިޔަ ކްރޮސްރޯޑްސް ހިމެނެއެވެ.

"ޑަބްލިއުޓީއެމް" ފެއަރއަކީ ދުނިޔޭގެ އެކި ޤައުމުގެ ފަތުރުވެރިކަން އިސްތިހާރުކޮށް ކުރިއެރުވުމަށްޓަކައި ކޮންމެ އަހަރަކުވެސް ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ ފެއަރއެކެވެ. މިއަހަރުގެ ފެއަރގައި ރާއްޖޭގެ ސްޓޭންޑް ޚާއްސަވާނެކަމަށް އެމްއެމްޕީއާރްސީއިން ބުނެއެވެ. އެގޮތުން މި ސްޓޭންޑުން ރާއްޖޭގެ ޤުދުރަތީ ރީތިކަން ވަރަށް ފުރިހަމައަށް ދައްކާލެވޭނެކަމަށް އެމްއެމްޕީއާރްސީއިން ބުނެއެވެ.

މިއަހަރުގެ "ޑަބްލިއުޓީއެމް" ގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މާހިރުންނާއި ކުންފުނިތަކާއި ޓްރެވެލް އޮޕަރޭޓާސް ހިމެނޭހެން 51,000 މީހުން ބައިވެރިވެއެވެ. މި ފެއަރގައި މި ފަރާތްތަކުން ބައްދަލުވެ ބީޓުބީ ބައްދަލުވުންތަކެއް ކުރިޔަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މި ފެއަރ ކުރިއަށްދާނީ މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށެވެ.