އަންނަ އޭޕްރިލް މަހުން ފެށިގެން ފަސްޓް ކްލާހުން ދަތުރުކުރާ މީހުންގެ އަތުން 90 އެމެރިކާ ޑޮލަރު އިތުރަށް ނެގުމަށް މަޖިލީހަށް ހުށަހަޅައިފިއެވެ.
ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2020ވަނަ އަހަރުގެ ބަޖެޓުގައިވާ ގޮތުން ދައުލަތަށް ލިބޭ ޢާމްދަނީ އިތުރުކުރުމަށްޓަކައި ސަރުކާރުންވަނީ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ބޮޑުކުރުމަށް ނިންމާފައެވެ.
އެގޮތުން އެއާޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ތެރެއިން ބިޒްނަސް ކްލާހުގައި ދަތުރުކުރާ މީހުންނާއި ފަސްޓް ކްލާހުގައި ދަތުރުކުރާ މީހުންގެ އަތުން ނަގާ ފީ ބޮޑުކުރުމަށް ބަޖެޓުގައި ހިމަނާފައިވެއެވެ.
ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނެގުމަށް ހަމަޖެހިފައިވަނީ 60 ޑޮލަރެވެ. އަދި ފަސްޓް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނެގުމަށް ހަމަޖެހިފައިވަނީ 90 ޑޮލަރެވެ.
މީގެ އިތުރުން އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން 30 ޑޮލަރު ނެގުމަށް ބަޖެޓުގައި ހިމަނާފައިވެއެވެ. ނަމަވެސް އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން ނަގަމުންދާނީ މިހާރުވެސް ނަގަމުންދާ ޢަދަދަށެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިހާރު ނަގަމުން ދަނީ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރެވެ. އަދި ބިދޭސީއެއްގެ އަތުން 25 ޑޮލަރެވެ.
ބަޖެޓުގައިވާގޮތުން އެއާޕޯޓް ފީއަށް މިބަދަލު ގެނައުމަށް ނިންމާފައިވަނީ ބޮޑު އަގުގައި ދަތުރުފަތުރުކުރުމުގެ ޤާބިލުކަން ހުރި ފަރާތްތަކުގެ އަތުން މި ޓެކްސް ނެގުމުގެ މަޤްސަދުގައެވެ. އަދި ދަތުރުފަތުރުގެ އަގަށް ބަދަލު އައިކަމުގައިވީނަމަވެސް މި ފަރާތްތަކުގެ ދަތުރުފަތުރުކުރުމުގެ ވައްޓަފާޅިއަށް މާބޮޑު ބަދަލެއް ނާންނާނެކަމަށް ވެސް ބަޖެޓުގައި ބުނެފައިވެއެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ އަގުބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާއިރު މިހާރު ނަގަމުންދާ އެއާޕޯޓު ސަރވިސް ޗާޖު އުވާލުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ ބަދަލުގައި ޑިޕާޗަރ ފީއެއް ނެގުމަށް ނިންމާފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ސަރުކާރުން ބުނީ އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަށް ބަދަލު ގެނައުމާއެކު 159.6 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވޭކަމަށެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޮޓް ތަރައްޤީކުރުމުގެ މަޝްރުޢުއާއި ގުޅިގެން 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ ފީއެކެވެ.