ވިޔަފާރި

2020ވަނަ އަހަރުގެ ބަޖެޓް: ފަތުރުވެރިކަން އިސްތިހާރުކުރުމަށް 154 މިލިއަން ރުފިޔާ


ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 154 މިލިއަން ރުފިޔާ ހިމެނުމަށް މަޖިލީހަށް ހުށަހަޅައިފިއެވެ.

2020ވަނަ އަހަރުގެ ބަޖެޓް ބަޔާން މަޖިލީހަށް ހުށަހަޅުއްވައި، ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކޮށް ސިންދަފާތުކުރުމަށް ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން ނިންމާފައިވަނީ މަތީފަންތީގެ ޓޫރިޒަމްގެ އިތުރުން ލޯކަލް ޓޫރިޒަމާއި ގެސްޓްހައުސް ޓޫރިޒަމްވެސް އިސްތިހާރުކުރުމާއެކުކަމަށެވެ. އެގޮތުން ފަތުރުވެރިކަން އިސްތިހާރުކުރުމަށް އަންނަ އަހަރުވެސް ލަފާކޮށްފައިވަނީ 154 މިލިއަން ރުފިޔާގެ ބަޖެޓެއްކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

"ފަތުރުވެރިކަން އިސްތިހާރު ކުރުމަށް މިއަންނަ އަހަރުވެސް 154 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވޭ. ކުރިއަށް އޮތްތަނުގައި، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުވެގެންދާނީ، ލޯކަލް ޓޫރިޒަމާއި ގެސްޓް ހައުސް މާކެޓަށްވެސް އެކަމުން އެކަށީގެންވާ އެކްސްޕޯޝަރއެއް ލިބޭގޮތަށް." މިނިސްޓަރ އަމީރު ވިދާޅުވިއެވެ. ފަތުރުވެރިކަން އިސްތިހާރުކުރުމަށް 2019ވަނަ އަހަރަށްވެސް ކަނޑައަޅާފައިވަނީ 154 މިލިއަން ރުފިޔާއެވެ. މިއީ މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ކަނޑައެޅި އެންމެބޮޑު ޢަދަދެވެ.

2018ވަނަ އަހަރު ފަތުރުވެރިކަން އިސްތިހާރުކޮށްފައިވަނީ 50 މިލިއަން ރުފިޔާގެ ބަޖެޓަކުންނެވެ. 2019ގެ ބަޖެޓުގައި މި ޢަދަދު ތިން ގުނައަށް ބޮޑުކޮށްފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިސްތިހާރުކުރުމަށެވެ.

މިއަހަރުގެ ތެރޭގައި ފަތުރުވެރިކަން އިސްތިހާރުކުރުމަށް އެމްއެމްޕީއާރްސީންވަނީ ގިނަ ޙަރަކާތްތައް ކުރިއަށްގެންގޮސްފައެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިސްތިހާރުކުރުމަށް ރޯޑް ޝޯވތަކާއި ޓްރޭޑް ފެއަރތައް ކުރިއަށްގެންގޮސްފައިވެއެވެ.

ރޯޑްޝޯތަކުގައި ބައިވެރިވުމަށް 1.8 މިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައިވާއިރު ފޭމް ޓްރިޕްތަކަށް 3 ލައްކަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ބޭރު ޤައުމުތަކުގައި އެކި ގޮތްގޮތުން ރާއްޖެ އިސްތިހާރުކުރުމަށް 1.5 މިލިއަން އަދި ޕްރޮމޯޝަން ޙަރަކާތްތަކަށް 2.5 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މި ޚަރަކާތްތަކުގެ އިތުރުންވެސް ޓޫރިޒަމް މިނިސްޓްރީން ދަނީ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ގިނަ ޚަރަކާތްތައް ކުރިއަށްގެންދަމުންނެވެ. އެގޮތުން މިއަހަރު ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވަނީ ސްޕެއިންގެ ސެލްޓަވީގޯ ކްލަބް ސްޕޯންސަރކުރަން އަހަރަކު 9 ލައްކަ ޑޮލަރު ޚަރަދުކުރަން ނިންމާފައެވެ.

މިއީ ގާތްގަނޑަކަށް 14 މިލިއަން ދިވެހި ރުފިޔާއެވެ. އެހެންކަމުން، ފަތުރުވެރިކަން އިސްތިހާރުކުރަން ހިމަނާފައިވާ 154 މިލިއަން ރުފިޔާގެ ބަޖެޓުން ކޮންމެ އަހަރަކު 14 މިލިއަން ރުފިޔާ ބަޖެޓުން ޚަރަދުވާނެއެވެ. ސެލްޓަވީގޯ ކްލަބް ރާއްޖެއިން ސްޕޮންސަރކުރަނީ 3 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި މަސައްކަތާއެކު ސްޕެނިޝް ލަލީގާގެ މެޗުތައް ބަލާ އެތައް ބިލިއަން މީހުންނަށް ރާއްޖެ އިސްތިހާރުވެގެންދާނެކަމަށެވެ.