ވިޔަފާރި

2020ވަނަ އަހަރުގެ ބަޖެޓް: ވިޔަފާރި ބަނދަރު ތަރައްޤީކުރުމަށް ބޭނުންވާ ބިން މިއަހަރު ހިއްކާނެ


މި އަހަރުގެ ތެރޭގައި ރާއްޖޭގެ މައި ސީޕޯޓް ނުވަތަ ވިޔަފާރި ބަނދަރު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

2020ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދު އަހަރުން އަހަރަށް ކުރިއަރާފައިވާއިރު އަދި އިމްޕޯޓްކުރާ މުދަލުގެ ޢަދަދު އެތައް ގުނައަކުންން އިތުރުވަމުންއަންނަކަމަށެވެ. ނަމަވެސް ފާއިތުވެދިޔަ 30 އަހަރުގެ ތެރޭގައި މާލޭ ޕޯޓަށް އެދެވޭ ބަދަލެއް ނާންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ސަބަބުން މުދާ ބޭލުމަށާއި، މުދާ ގުދަން ކުރުމަށާއި ވިޔަފާރިކުރާ ތަންތަނާހަމައަށް މުދާ ގެންދިއުމުގައި ގޮންޖެހުންތަކެއް ވިޔަފާރިވެރިންނަށް ދިމާވަމުންއަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

2020ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ގުޅިފަޅު ޕޯރޓް ޕްރޮޖެކްޓްއަކީ ރާއްޖެއަށް މުދާ އިމްޕޯރޓްކޮށް، ގުދަންކޮށް ގެންގުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ އެންމެ ބޮޑު އިންޤިލާބީ ބަދަލަށް ވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއަހަރުގެ ތެރޭގައި މިމަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށިގެންދާނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

"ގުޅީފަޅުގައި ތަރައްގީ ކުރެވޭ ބަނދަރު ވެގެންދާނީ އިންޓަނޭޝަނަލް ޝިޕިންގ ރޫޓްތަކުގައި ދަތުރުކުރާ ބޮޑެތި އާގުބޯޓުފަހަރަށްވެސް ބޭނުންކުރެވޭވަރުގެ ބަނދަރަކަށް. މީގެ ސަބަބުން، މިހާރު ރާއްޖެއަށް މުދާ ގެންނަން މެދުވެރިއެއްގެ ދައުރު އަދާކުރާ ފީޑަރ ބޯޓުފަހަރަށް ބަރޯސާވުން ނިމުމަކަށް އައިސް، ރާއްޖެއަށް މުދާ ގެންނަން ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑުތަން ކުޑަވެގެންދާނެ. އަދި ސަރުކާރުގެ އަމާޒަކީ މުދާ އަރުވައި ބޭލުމުގައި މިހާރު ހޭދަވާ މުއްދަތު މަދުވެގެން 5 ގުނަ ކުޑަކުރުން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

2020ވަނަ އަހަރުގެ ބަޖެޓުން އިޤްތިސާދު ސިންދަފާތު ކުރުމަށް، އިޤްތިސާދީ މަސައްކަތްތަކަށް މަގުފަހިވާނޭ މަޝްރޫއުތަކާއި ޙަރަކާތްތަކަށް އިސްކަން ދީފައިވެއެވެ. މިގޮތުން، ރާއްޖޭގެ މައި ސީޕޯޓް ގުޅިފަޅުގައި ބިނާކުރުމުގެ މަޝްރޫއު ފެށުމާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ޓަރމިނަލްގެ މަޝްރޫޢުކުރިއަށް ގެންދިއުން ފާހަގަކުރެވެއެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވަމުންއަންނައިރު، ޓުއަރިސްޓުންނާއެކު ރާއްޖޭގެ އާބާދީއަށް ބޭނުންވާ ވިޔަފާރި މުދާ ގެނައުމުގައި މިހާރުވަނީ ދަތިތަކާ ކުރިމަތިލާންޖެހިފައެވެ. އެހެންކަމުން މިއީ މިކަމަށް ހައްލެއް ގެނެސްދޭނެ މަޝްރޫޢުއެކެވެ.