ސިޔާސީ

ބަޖެޓް ހުށައެޅުން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި


އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށައެޅުމަށް އެޖެންޑާކޮށްފިއެވެ. މާދަމާގެ ޖަލްސާގައި އެންމެ ފުރަތަމަ ކަމަކަށް އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށައަޅާކަންކަމުގެ ތެރެއިން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށައެޅުމެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ފިނޭންސް މިނިސްޓްރީން ޢާއްމުކުރައްވާފައިވާ ފިސްކަލް އެންޑް ޑެޓް ސްޓްރެޓަޖީ ރިޕޯޓުގައިވާ ގޮތުން މަޖިލީހަށް ފޮނުވާފައި ވަނީ 39.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވި ބަޖެޓްގެ ޖުމްލަ ޚަރަދަކީ 37 ބިލިއަން ރުފިޔާއެވެ. އަދި ބަޖެޓް ޑެފިސިޓް ނުވަތަ ދަރަނީގެ ގޮތުގައި އަންދާޒާކުރަނީ 5.5 ބިލިއަން ރުފިޔާއެވެ. އަދި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައިި 30.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެއެވެ.

ފިސްކަލް އެންޑް ޑެޓް ސްޓްރެޓަޖީ ރިޕޯޓުގައިވާ ގޮތުން އާމްދަނީއާއި ހިލޭއެހީގެ ގޮތުގައި 30.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު، މީގެތެރެއިން ޓެކްސް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 18.2 ބިލިއަން ރުފިޔާއެވެ. ޓެކްސްނޫން އާމްދަނީގެ ގޮތުގައި 6 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 4 ބިލިއަން ރުފިޔާއެވެ.

2020ވަނަ އަހަރު ދައުލަތުގެ ބޭސްލައިން ރިކަރަންޓް ޚަރަދުގެ ގޮތުގައި 20 ބިލިއަން ރުފިޔާ ހޭދަ ވާނެ ކަމަށް ފިނޭންސުން ވަނީ ލަފާކޮށްފައިއެވެ. ބޭސްލައިން ކެޕިޓަލް ޚަރަދުގެ ގޮތުގައި ހޭދަވާނެކަމަށް ބަލާފައިވަނީ 11 ބިލިއަން ރުފިޔާއެވެ.

2020ވަނަ އަހަރުގެ ބަޖެޓްގައި ސަރުކާރުގެ ވުޒާރާތަކުގެ އިންފްރާސްޓްރަކްޗައަށް ހައްލުތަކެއް ހޯދުމަށާއި، ސަރުކާރުން ހުށަހަޅުއްވާފައިވާ މެނިފެސްޓޯގައިވާ ކަންކަން ތަންފީޒުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާފައިވާ ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ.