ވިޔަފާރި

އެކްސްޕޯޓްކުރި މުދަލުގެ އަގު 165.8 މިލިއަން ރުފިޔާއަށް


ސެޕްޓެމްބަރ މަހު ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ އަދަދު އިތުރުވެއްޖެއެވެ. ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރ މަހު ރާއްޖެއިން 165.8 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. މިއީ މިއަހަރުގެ އޮގަސްޓް މަހާއި އަޅާބަލާއިރު 0.55 އިންސައްތައިގެ އިތުރުވުމެކެވެ.

ރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ. މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި އެކްސްޕޯޓްކުރި މަހުގެ ބާވަތްތަކުގެ ތެރޭގައި 1.6 މިލިއަން ރުފިޔާގެ ދިރޭމަސް ހިމެނެއެވެ. މީގެއިތުރުން 32.5 މިލިއަން ރުފިޔާގެ ތާޒާ އަދި ފިނިކުރި ކަނޑުމަހާއި، 90.6 މިލިއަން ރުފިޔާގެ ފިނިކުރި މަހާއި، ދަޅުގައި ބަންދުކުރި 21.2 މިލިއަން ރުފިޔާގެ މަސް ހިމެނެއެވެ. އަދި ހިއްކި ކަނޑުމަހުގެ ގޮތުގައި 6.4 މިލިއަން ރުފިޔާގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ.

މިއަހަރުގެ ތެރޭގައި ރާއްޖެއިން ބޭރަށް މުދާ އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ މާރިޗް މަހުގެ ތެރޭގައެވެ. އެއީ 331.6 މިލިއަން ރުފިޔާގެ މުދަލެވެ.