ޚަބަރު

މަރަދޫ-ފޭދޫ ބަނދަރު ކީވޯލް ޝީޓްޕައިލް ކުރުމުގެ މަސައްކަތް ފަށައިފި


އައްޑޫސިޓީ މަރަދޫ ފޭދޫ ބަނދަރުގެ ކީވޯލް ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އައްޑޫސިޓީ މަރަދޫ-ފޭދޫ ބަނދަރުގެ ކީވޯލް ޝީޓް ޕައިލް ކުރުމުގު މަސައްކަތް ފަށާފައިވަނީ އެކަމަށްޓަކައި މަރަދޫ-ފޭދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ކުޑަ ރަސްމީއްޔާތެއްގައެވެ. މިމަސައްކަތް އިފްތިތާޙް ކޮށްދެއްވީ މީދޫ ދައިރާގެ މެމްބަރު ރޮޒައިނާ އާދަމްއެވެ. ސަރުކާރުގެ ޕީއެސްއަޕީ ބަޖެޓުން 31.68 މިލިއަން ރުފިޔާ ޚަރަދު ކޮއްގެން ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކޮށް ހަދާ ބަނދަރުގެ މަސައްކަތުގެ އެއްބަސް ވުމުގައި ސޮއި ކޮއްފައިވަނީ މިދިޔަ ޖޫން މަހުގެ 24 ގައެވެ. އަދި ބަނދަރުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ، ސެޕްޓެމްބަރ މަހުގެ މެދެއްހާ ހިސާބުގައެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމީއްޔާތަށް ފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްގެ ޕްރޮޖެކްޓް މެނޭޖަރ މުޙައްމަދު ވަޙީދު ވިދާޅުވީ، މަރަދޫ-ފޭދޫ ބަނދަރުގެ މަސައްކަތް ޝެޑިއުލްގައިވާ ގޮތަށް ކުރިއަށްދާ ކަމަށެވެ. ހެވީފޯސް އިން މިހާރު ވަނީ ބަނދަރު ބޮޑު ކޮށް ހިއްކަން ވާ ސަރަހައްދުގެ އެއްބައި ހިއްކާފައެވެ.

މި ބަނދަރުގެ މަސައްކަތުގެ އިތުރުން، އެކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ބަނދަރު މަސައްކަތް ނިމޭ އިރު، އާޓިފިިޝަލް ބީޗެއް ވެސް މަރަދޫ-ފޭދޫ ރައްޔިތުންނަށް ތަރައްޤީ ކޮށްދެއްވާގޮތައް ހަމަޖެހިފައި ވެއެވެ. ވަޙީދު ވިދާޅުވީ ބީޗުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ، ޑިޒައިން މަސައްކަތާއި އީއައިއޭ ހެދުމުގެ މަސައްކަތް ކަމަށެވެ. އަދި މިތަން މާލޭގެ އާޓިފިޝަލް ބީޗަށް ވުރެ ކުޑަ ނުވާނެ ކަން އޭނާ ފަހަގަ ކުރެއްވިއެވެ.

ހެވީފޯސް ކުންފުންޏާއި ޙަވާލު ކޮށްފައިވަނީ، މަރަދޫ-ފޭދޫ ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމަށާއި ރިވެޓްމެންޓު ޖެހުމަށެވެ. މިހާރުވެސް ބޭނުން ކުރަމުންދާ މިބަނދަރުގެ ބޮޑުބައެއް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެގޮތުން ދޯނިތައް ލެފުމުގައި ބޮޑެތި އުނދަގޫ ތަކެއް ކުރިމަތިވާ ކަން އެރަށު ރައްޔިތުން ފާހަގަ ކުރެއެވެ.