ޚަބަރު

ގދ. ތިނަދޫގެ ފެން ހިންދާ ނިޒާމު ޤާއިމުކުރުމަށް ކުންފުންޏަކާއި ހަވާލުކޮށްފި


ގދ. ތިނަދޫގެ ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށް ފެން ހިންދާ ނިޒާމު ޤާއިމުކުރުމަށް ސެނޮކް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަނެވެ. ސެނޮކް ކޮމްބައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެކައުންޓަންޓް ޕްރަބަތް ރަވަންޕޫރާއެވެ.
އެއް އަހަރުގެ މުއްދަތުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަސައްކަތުގެ ޖުމްލަ އަގަކީ ތިރީސް އަށް މިލިޔަނަށް ވުރެ ގިނަ ރުފިޔާއެވެ. މި މަސައްކަތް ނިމުމުން ގދ. ތިނަދޫގެ ފެންބޮޑުވާ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން ތިނަދޫގައި 2 މެގަވޮޓްގެ ސޯލާރ ފާމެއް ޤާއިމުކުރުމުގެ މަސައްކަތްކުރުމަށް ތިނަދޫ ކައުންސިލާއި މިނިސްޓްރީއާ ދެމެދު މިއަދު ވަނީ އެމްއޯޔޫ އެއްގައި ސޮއިކޮށްފައެވެ. އަދި ތިނަދޫ ކުނި މެނޭޖްކުރާ މަރުކަޒުގައި އިންސިނެރޭޓާރ އެއް ބެހެއްޓުމަށް މިއަދު ވަނީ ބަޔަކާ ޙަވާލުކޮށްފައެވެ.

އެންވަޔަރަމަންޓް މިނިސްޓަރ ތިނަދޫއަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ތިނަދޫ ކައުންސިލާއި ބައްދަލުކޮށް އެރަށުގެ ކުނި މެނޭޖްކުރުމުގެ މައްސަލައާއި ރަށްގިރުމުގެ މައްސަލައާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި އެ މަނިކުފާނު ވަނީ ތިނަދޫގެ ކުޅި އާއި ކުނި މެނޭޖްކުރާ މަރުކަޒާއި ރަށް ގިރަމުންދާ ސަރަހައްދު އަދި ތިނަދޫގެ ފެން ޕްލާންޓާއި ނަރުދަމާ ނިޒާމު ބައްލަވާލައްވާފައެވެ. މީގެ އިތުރުން ތިނަދޫގެ ޕަވަރ ހައުސް އާއި ސްޓޯމް ވޯޓަރ ޕަމްޕިންގ ސްޓޭޝަންވެސް މިނިސްޓަރ ވަނީ ބައްލަވާލައްވާފައެވެ.