މުނިފޫހިފިލުވުން

އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ"ގެ ޝޫޓިން ފަށައިފި


އާމިރު ހާންގެ ކުރިއަށް އޮތް ފިލްމު "ލާލް ސިން ޗައްޑާ" ޝޫޓިންތައް ފަށައިފިއެވެ. 1994 ވަނަ އަހަރު ނުކުތް ޓޮމް ހޭންކްސްގެ ކާމިޔާބު ފިލްމް "ފޮރެސްޓް ގަމްޕް" ގެ ވާހަކަ އަސްލަކަށް ބަލައިގެން އުފައްދާ މި ފިލްމު އިއުލާންކުރުމާއި އެކު ގިނަ ބައެއް ސަމާލުކަންވަނީ ލިބިފައެވެ. އަދި އާމިރުހާން މި ފިލުމުގެ ލީޑުރޯލުން ފެންނާނެކަން އާއްމުކުރި ހިސާބުން ފިލްމަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ.

ފިލްމްގެ ޕޮރޮޑަކްޝަން ޓީމުން ފިލްމުގެ ޝޫޓިންތައް ފަށާފައިވަނީ މި މަހުގެ އެއްވަނަދުވަހުއެވެ. ފިލްމުގެ ފުރަތަމަ ޝޮޓް ފަށާ ދިނީ އާމިރު ހާންގެ މަންމަ ޒީނަތު ހުސެއިން އެވެ. މިހާރު އާއްމުކޮށްފައިވާ ފޮޓޯތައް ފެންނަ ގޮތުން ފިލްމުގެ ފުރަތަމަ ޝޮޓް ޝޫޓްކޮށްފައިވަނީ ރެއިލްވޭއެއްގައެވެ.

މި ފިލްމުގެ ވާހަކަތަކާއި އެކު އާމިރުހާން ފިލްމަށް ތައްޔާރުވުމުގެ ގޮތުން ޓޮމް ހޭންކްސާއި ބައްދަލުކުރިކަމަށްވެސް ބައެއް މީޑިއާތަކުން ބުނެފައިވެއެވެ. އަދި މި ފިލްމުގައި ޒުވާން އާމިރުގެ ބައިކުޅުމަށް އާމިރުހާން ބަރުދަނުން 20 ކިލޯ ހިއްކާލާފައިވާކަމަށްވެއެވެ.

މި ފިލްމުގެ ލީޑު ރޯލުން އާމިރާއި އެކު ފެނިގެންދާނީ ކަރީނާ ކަޕޫރެވެ. ކަރީނާއި އާމިރާއި އެއްކޮށް ފިލްމަކުން މި ފެންނަނީ 7 އަހަރަށްފަހުއެވެ. މި ދެތަރިން އެއްކޮށް އެންމެފަހުން ފެނިފައިވަނީ 2012 ވަނަ އަހަރު ނުކުތް "ތަލާޝް" އިންނެވެ.

އާމިރުހާންގެ ޕްރޮޑަކަޝަނާއި ވިއަކޮމް18 ސުޓޫޑިއޯ ގުޅިގެން ޕްރޮޑިއުސްކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ އަދުވައިތް ޗަންދަންއެވެ. މި ފިލްމް ސިނަމާތަކަށް އަންނަނީ އަންނަ އަހަރުގެ ޑިސެމްބަރުމަހުގެ ފަހުކޮޅުއެވެ..