ޚަބަރު

ދިވެހި އަސްކަރިއްޔާގެ ކާމިޔާބީއާއި ބަދަހިކަން ދައްކުވައިދިން "ވިކްޓްރީ ރަން" ބާއްވައިފި


31 ވަނަ ނަޞްރުގެ ދުވަސް ފާހަގަކުރުމަށް އެމްއެންޑީއެފްގެ އޭރިއާތަކުގައި "ވިކްޓްރީ ރަން" ބާއްވައިފިއެވެ.

މި "ވިކްޓްރީ ރަން" އަކީ ދިވެހި އަސްކަރިއްޔާގެ ކާމިޔާބީ ފާހަގަކުރުމަށާއި އަސްކަރީ ސަފުތަކުގެ ބަދަހިކަން ދައްކުވައިދިނުމާއި، ޤައުމީ ރޫޙާއި ޖޯޝް ލަޝްކަރުގައި އަށަގެންނެވުމަށް ބޭއްވި ދުވުމެކެވެ. މި ހަރަކާތުގެ މަޤްސަދުގެތެރޭގައި ދީނާއި ޤައުމުގެ ޙައްޤުގައި ޝަހީދުވި މަތިވެރި އަބްޠާލުންގެ ޒިކުރާ އާކުރުންވެސް ހިމެނެއެވެ.

މިއަދު ހެނދުނު މާލޭގައި ކުރިއަށްގެންދިޔަ "ވިކްޓްރީ ރަން" ފަށާފައި ވަނީ ހެނދުނު 6:00ގައި ކަޅުތުއްކަލާކޮށިންނެވެ. ގިނަޢަދަދެއްގެ ސިފައިން ބައިވެރިވި މި ދުވުން ވަނީ މާލެ ވަށައި ކުރިއަށްގެންގޮސްފައެވެ.

"ވިކްޓްރީ ރަން"ގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފްގެ އިތުރުން ޖެނެރަލް އޮފިސަރުނާއި، އޮފިސަރުންގެ އިތުރުން އެކި ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފައިވެއެވެ.

މި ދުވުމަށްފަހު ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްވަނީ ސިފައިން ކުރައްވަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވައި ހިތްވަރު ދެއްވަވާފައެވެ.

"އަޅުގަނޑުމެން ޓްރެއިނިންގްތަކުގައި މި އޮހޮރުވާ ދަލަކީ މިހޯދާ ތަމްރީންތަކަކީ، އޮޕަރޭޝަނަލް ޙާލަތުގައި ސަލާމަތްކުރެވޭނެ ލޭތިއްކެއްކެވެ. މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރެވޭނެ ކަމެއް. ހުރިހާ ސަފައިންގެ މަސައްކަތަށް އައްސަރިބަހާއި ސާބަސްދެން." މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވިއެވެ.

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ބޭއްވި "ވިކްޓްރީ ރަން" ވަނީ، އެމްއެންޑީއެފް ނޮދަން އޭރިއާ އާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އިތުރުން އެމްއެންޑީއެފް ސަދަން އޭރިއާގައި ވެސް މިއަދު ހެނދުނު ބާއްވާފައެވެ.