ޚަބަރު

ހަނިމާދޫ މަގު ހެދުމުގެ މަޝްރޫޢު ހުއްޓިފައި އޮންނަތާ އެތައް ދުވަހެއް


ހަނިމާދޫ ބަނދަރު ހެދުމުގެ މަޝްރުޢު ފަށާފައިވަނީ 2013 އަހަރުއެވެ. މިމަސައްކަތަށް 06 އަހަރު ފާއިތުވެދިޔައިރުވެސް މިމަސައްކަތް މިހާތަނަށްވެސް ނިމިފައެއްނުވެއެވެ. އެހެންނަމަވެސް އައު ސަރުކާރު ޙަވާލުވެ މިމަޝްރުޢު ހަލުވި މިނެއްގައި ކުރިއަށްދާއިރު އަންނަ އަހަރަށް ހަނިމާދޫ މަގުހެދުމުގެ މަސައްކަތް މުޅިން ނިންމާލެވޭނެކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ހދ.ހަނިމާދޫ މަގު ހެދުމުގެ މަސައްކަތް ޢަމަލީ ގޮތުން ފަށާފައިވަނީ ރައީސް ޑރ.މުޙައްމަދު ވަޙީދުގެ ދައުރުގައެވެ. އެއީ 2013ވަނަ އަހަރެވެ. ރައީސް ވަޙީދުގެ ވެރިކަން ނިމި ރައީސް ޔާމީންގެ ވެރިކަން ވެސް ނިމިދިޔައީއެވެ. ނަމަވެސް އޭރު 4 މަހާއި 5 މަހުގެތެރޭގައި ތާރު އަޅައި ނިންމަންބުނި ހަނިމާދޫގެ މަގުތައް އަދިވެސް ހުރީ ހަމަ އެޙާލަތުގައެވެ. މިއީ މަގުތައް ޒަމާނީ ފެންވަރަށް ހެދޭނެކަމުގެ އުއްމީދުގައި 6 އަހަރު ދުވަހުގެ އިންތިޒާރުގައި ތިބި ޢާއްމު ރައްޔިތުންނަށް ލިބުނު ބޮޑު ގެއްލުމެކެވެ.
ހަނިމާދޫގެ މަގުތަކަށް މިއަދު ބަލާލާއިރު ހެދިފައިހުރީ ހަމައެކަނި ޕޭވްމަންޓުތަކެވެ. މި މަގުތަކުގައި ތާރު އަޅާފައެއް ނެތެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން ހަނިމާދޫ ކައުންސިލްގެ ރައީސް ޢަބްދުއްސަލާމް ޢަލީ ވިދާޅުވީ ރައީސް ވަޙީދުގެ ދައުރުގައި މަގުތައް ހެދުމުގެ މަޝްރުޢު ހުއްޓިފައި އޮތުމަށްފަހު ރައީސް ޔާމީންގެ ވެރިކަމުގައި އަނެއްކާވެސް ވަރަށް ބާރަށް މި މަސައްކަތް ކުރިއަށްދިޔަކަމަށެވެ. ނަމަވެސް މާބޮޑު ކުރިއެރުމެއް ނުލިބި އަނެއްކާވެސް މަސައްކަތް ހުއްޓުނީކަމަށެވެ. އެފަހުން އައު ސަރުކާރު އައިސް މި މަސައްކަތާއި ހަވާލުވެ މިހާރު މިމަސައްކަތް ކުރަމުންދާކަމަށް ސަލާމް ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު. ވަރަށް ބާރަށް އެއްފަހަރަކު ފެނުނު މަސައްކަތް ކުރިޔަށްދަނިކޮށް. މި ވެރިކަން އައުމާއިހަމައަށް ވަރަށް ބާރަށް ގޮއްސަ ހުއްޓިފަ އަނެއްކާ ތިން ވަރަކަސް މަސް މިވީ މަޝްރުޢު ފެށިގެން ކުރިއަށްދާތާ." ސަލާމް ވިދާޅުވިއެވެ.

މި މަޝްރުޢުގެ ދަށުން މިހާރު 17 މަގެއްގެ ޕޭވްމަންޓް މަސައްކަތްތައް ނިމިފައިވާކަމަށް ސަލާމް ވިދާޅުވިއެވެ. ހަނިމާދޫގެ މަގު ހެދުމުގެ ޕްރޮޖެކްޓް ފެށި އިރު ތާރު އަޅަން އޭރު ހަމަޖައްސާފައި އޮތީ ޖުމްލަ 21 މަގެވެ. ނަމަވެސް މިހާރު ތާރު އަޅަން ނިންމާފައިވަނީ 18 މަގެއްގައެވެ. އޭނާ ވިދާޅުވީ މަގު ހެދުމުގެ މަސައްކަތް މިހާރު ބާރު މިނެއްގައި ކުރިއަށްދާކަމަށާއި 2020 ވަނަ އަހަރަށް މި މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށެވެ.

"މިހާރު މިމަސައްކަތް އެބަދޭ ވަރަށް ބާރު މިނެއްގައި ކުރިއަށް. ކުރިއަށް މިއޮތް އަހަރުތެރޭގައި 18 މަގެއްގައި ތާރު އަޅާ ނިމޭނެކަމަށް އުއްމީދުކުރަނީ." ސަލާމް ވިދާޅުވިއެވެ.

ހދ. ހަނިމާދޫއަކީ 2237 މީހުންގެ އާބަދީ އޮންނަ ރަށެކެވެ. ތަރައްޤީވަމުން އަންނަ މި ރަށަކީ 08 ގެސްޓްހައުސްއާއި 01 ސިޓީ ހޮޓާ އަދި ދައުލަތުގެ މުހިއްމު އެތަށް މުއައްސަސާތައް ޤާއިމްވެފައި ހުންނަ ރަށެކެވެ.

އިންޓަރނޭޝަނަލް އެއަރޕޯޓެއް ހުރުމާއެކު ކޮންމެ ދުވަހަކުހެން އެތައް ފަތުރުވެރިންނެއް މިރަށަށް އައިސް ގޮސް ހަދައެވެ. ތަރައްޤީގެ މިފަދަ މަޝްރުޢުތައް މަޑުޖެހުމަކީ ރަށުގެ ކުރިއެރުމަށް ވެސް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާކަމެކެވެ.