ކުޅިވަރު

ފުރަތަމަ އިންޓަ ސްކޫލް ރޯވިިންގް ބީޗް ސްޕްރިންޓް އައްޑޫސިޓީގައި ފަށައިފި


އެމްޓީސީސީ ރޯވިންގް ބީޗް ސްޕްރިންޓް 2019 ފަށައިފިއެވެ. މިއީ ރޯވިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮއްގެން ބާއްވާ މިފަދަ ފުރަތަމަ ބީޗް ސްޕްރިންޓް މުބާރާތެވެ.

ރޯވިންގް ބީޗް ސްޕްރިންޓު ކުރިއަށް ދާ ގޮތަކީ، އެއްގަމުގައި ތިބެފައި ދުވެ ގޮސް ބޯޓަށް އަރާ ފަލި ޖަހާފައި، ގޮސް ކަނޑައެޅިފައިވާ ހިސާބުން އަނބުރާލާފައި އައިސް ބޯޓުން ފައިބާ އެންމެ ފުރަތަމަ ނިންމުމާއި ހަމައަށް ދިއުމެވެ.

އައްޑޫސިޓީ ހިތަދޫ ޓްރެކް ސަރަހައްދުގައި ކުރިއަށްދާ މިމުބާރާތުގައި 4 ސްކޫލުން ބައިވެރިވެފައިވެއެވެ. އެއީ ޝަރަފުއްދީން ސްކޫލާއި، ހިތަދޫ ސްކޫލާއި، އައްޑޫ ހައިސްކޫލް އަދި ފޭދޫ ސްކޫލެވެ. މުބާރާތް ކުރިއަށް ދާނީ މިމަހުގެ 31 އިން 2 ނޮވެމްބަރާއި ހަމައަށެވެ. ރޯވިންގް އެސޯސިއޭޝަނުން މައުލޫމާތު ދިން ގޮތުގައި މުބާރާތުގައި ހުރިހާ ސްކޫލަކުން 80 އަށް ވުރެ ގިނަ ކުދިން ބައިވެރިވެފައި ވެއެވެ. ރޯވިންގް އެސޯސިއޭޝަނުން މައުލޫމާތު ދިން ގޮތުގައި ވަކި އުމުރުފުރާއަކަށް ނުބަލާ މިމުބާރާތް ވަނީ އޯޕެން ކެޓަގަރީގައި ހުޅުވާލެވިފައެވެ.

މުބާރާތާގުޅޭ ގޮތުން ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުން ރޯވިން އެސޯސިއޭޝަންގެ ރައީސް އަޙްމަދު ހަބީބް ވިދާޅުވީ، މިމުބާރާތުގެ އެންމެ ބޮޑު އެއް މަޤްސަދަކީ ރާއްޖެއަށް ރޯވިންގް ބީޗް ސްޕްރިންޓް ތައާރަފު ކުރުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރޯވިންގް ރާއްޖޭގައި ކުރިއެރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއްޖެ ކަމަށާއި، ނަމަވެސް މިލެވެލް ކޮމްޕެޓިޝަނެއް ތައާރަފު ކުރެވުނީ މިއަހަރު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިމުބާރާތް ޚާއްޞަ ވެގެންދާ އެއް ސަބަބަކީ އެއްވެސް ކުއްޖަކު ބާކީ ނުކުރާ ގޮތަށް ހުރިހާ ކުދިންނަށް ވެސް ފުރުޞަތު ހުޅުވާލެވިގެން މިމުބާރާތް ކުރިއަށްދާ ކަމެވެ. އެގޮތުން ނުކުޅުދުންތެރިކަން ހުންނަ ކުދިންވެސް އެހެން ކުދިންނާ އެއްފެންވަރަށް ވާދަ ކުރާ ކަން އޭނާ ފާހަގަ ކުރިއެވެ.