ޚަބަރު

އައްޑޫ ސިޓީން ފަތުރުވެރިކަން ތަރައްޤީ ކުރުމަށް 96 ބިން ބިޑަށް ހުޅުވާލައިފި


އައްޑޫސިޓީގެ އަވައްތަކުން 96 ބިން ފަތުރުވެރިކަން ތަރައްޤީ ކުރުމުގެ ގޮތުން ބިޑް ވިއްކަން ފަށައިފިއެވެ.
އައްޑޫސިޓީ ކައުންސިލުން ބިޑު ޑޮކިއުމެންޓް ވިއްކަން ފަށާފައިވާއިރު، ބިންތަށް ވަނީ 5 ކެޓަގަރީ އަކަށް ބަހާލާފައެވެ. އެންމެ ގިނަ ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫއިންނެނެވެ. ހިތަދޫ ' މާމެން ބީޗް ޓޫރިޒަމް ޒޯނުން 30 ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ހުޅުދޫ ' ކޭވައް ބީޗް ' މާފިޝި ޓޫރިޒަމް ޒޯނުން 25 ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީދޫ ' ކޯގަންނު ބީޗް ' މުލިމަތި ޓޫރިޒަމް ޒޯނުން 16 ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ފޭދޫ ' ސަވާ ބީޗް ' ދިގިހެރަ ޓޫރިޒަމް ޒޯނުން 24 ބިން ދޫކުރަން ވަނީ ނިންމާފައެވެ. މަރަދޫ އަވަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 10000 އަކަފޫޓުގެ އެންމެ ބިމެކެވެ.

ޓޫރިޒަމަށް އައްޑޫސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ބިންތަށް ގިންތި ކުރެވިފައިވަނީ 5 ބަޔަކަށެވެ. އޭކެޓަގަރީގެ ބިންތަކަކީ 10000 އަކަފޫޓޫގެ ބިންތަކެވެ. މިތަންތަނުގައި 60 ކޮޓަރީގެ ގެސްޓުހައުސް ނުވަތަ ސިޓީ ހޮޓެލް ހިންގޭނެއެވެ. ބީ ކެޓަގަރީގެ 7000 އަކަފޫޓުގައި 35 ކޮޓަރި ހިމެނެއެވެ. ސީ ކެޓަގަރީގެ 5000 އަކަފޫޓުގައި 25 ކޮޓަރި ހިމެނޭއިރު، ޑީ ކެޓަގަރީގެ 3000 އަކަފޫޓުގައި 15 ކޮޓަރި ހިމެނެއެވެ. އެންމެ ކުދި ބިންތަކުގެ ގޮތުގައި ހުޅުވާލެވިފައިވަނީ 2400 އަކަފޫޓުގެ 10 ކޮޓަރީގެ ގެސްޓު ހައުސް އެޅުމަށް ހަމަޖެހިފައިވާ ބިންތަކެވެ.

ބިޑްވިއްކަން ފަށާފައިވާއިރު ބިޑް ގަތުމުގެ ފުރުޞަތު މިނޮވެމްބަރު މަހުގެ 28 ވަނަ ދުވަހާ ހަމަޔަށް ހުޅުވާލާފައި ވެއެވެ. ބިޑް ޑޮކިއުމެންޓް އަގަކީ، ދިވެހި ފަރާތެއް ނަމަ 2000ރ އަދި ބޭރުގެ ފަރާތެއް ނަމަ 300 ޑޮލަރެވެ. ބިންތަކުގައި ކުދިފަންތިއާއި، މެދުފަންތީގެ ގެސްޓްހައުސް ހިންގަން ބޭނުންވާ މީހުންނަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް 80 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.