ވިޔަފާރި

ބްލަންކްގެ ޝޯވްރޫމެއް ހުޅުމާލޭގައި ހުޅުވައިފި


ވެލިގާ ހާޑްވެއަރގެ ދަށުން ހިންގަމުންދާ "ބްލަންކް"ގެ ޝޯވް ރޫމެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

މިއީ މިބްރޭންޑްގެ ދަށުން ވެލިގާއިން ހުޅުވި ދެވަނަ ފިހާރައެވެ. މިފިހާރަ ހުޅުވާފައިވަނީ ހުޅުމާލޭ ނިރޮޅުމަގުގެ "ޔޫރޯ ސްޓަރ" ކައިރީގައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލުމާތުދެއްވަމުން ވެލިގާ ހާޑްވެއަރގެ ޑިރެކްޓަރ ޢައްބާސް މުޙައްމަދު ވިދާޅުވީ ބްލަންކް އަކީ މުޅިން ތަފާތު ކޮންސެޕްޓެއްގެ ދަށުން އެކުންފުނިން އުފައްދާފައިވާ ފިހާރަތަކެއްކަމަށެވެ. އެގޮތުން މިއީ ކުންފުނިން ފާއިތުވި ދުވަސްތަކުގައި ކުރަމުންދިޔަ ވިޔަފާރިއާ ޚިލާފަށް މުޅިން ތަފާތު ޕްރޮޑަކްޓްތައް ބާޒާރަށް ނެރުމަށްޓަކައި އުފެއްދި ކޮންސެޕްޓެއްކަމަށް އޭނާ ވިދާޅުވިއެވެ.

ބްލަންގެ ފުރަތަމަ ޝޯވްރޫމްއިން ވިއްކަމުންދަނީ އިލެކްޓްރޯނިކް އަދި ލައިޓިންގ ވަސީލަތްތަކެވެ. ނަމަވެސް ހުޅުމާލޭގައި ހުޅުވި މިފިހާރަ ޚާއްސަކޮށްފައިވަނީ ސެނިޓަރީ ޕްރޮޑަކްޓްތަކަށެވެ.

އެގޮތުން ފާހަނަތަކަށް ބޭނުންވާ ސާމާނުތަކާއި ހޯމް ރޭންޖްގެ ހުރިހާ ސާމާނެއް މިފިހާރައިން ލިބެން ހުންނާނެކަމަށް ޢައްބާސް ވިދާޅުވިއެވެ. މީގެ ތެރޭގައި ނަން މަޝްހޫރު ބްރޭންޑްތައްކަމަށްވާ މެޑްކާ، ޑަސް، އޮސްލެޑާ، ވީއާރްއެޗް އަދި ހޮއީ ބްރޭންޑްގެ ސާމާނު ހިމެނެއެވެ.

"ބްލަންކްއަކީ މުޅިން އައު ކޮންސެޕްޓެއް ގޮތަށް ވެލިގާ ހާޑްވެއަރއިން ފެށި ސްޓޯރއެއް. މިއީ އަޅުގަނޑުމެންގެ ތެރޭގައި ހުރި ސްޕެޝަލައިސް އައިޓަމްސްތައް ވަކިކޮށްލުމުގެ ގޮތުން އުފެދި ކޮންސެޕްޓެއް. މީގެ ފުރަތަމަ އައުޓްލެޓް ހެދީ ލައިޓިންގ ސެންޓްރީ ވެއަރ ފަދަ ސާމާނުތަކާއެކު. ނަމަވެސް ދެވަނަ ފިހާރަ މި ހުޅުވީ އެއަށް ވުރެވެސް ސެޕެސިފިކްކޮށް ވަކި އައިޓަމްސްތަކަށް ޚާއްސަކޮށްގެން." ޢައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ މިފިހާރަ ހުޅުވުމާއި ގުޅިގެން ޚާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފައިވާކަމަށެވެ. އެގޮތުން ފިހާރަ ހުޅުވުމާއި ދިމާކޮށް ހުޅުމާލޭގެ ގޭބީސީތަކަށް ވައުޗަރު ބަހާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފިހާރައިން ގަންނަ ސާމާނުތަކަށް ވެސް ޚާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާނެކަމަށް ޢައްބާސް ވިދާޅުވިއެވެ.

" އަޅުގަނޑުމެން ވާނީ ހުޅުމާލޭގެ ވަރަށް ގިނަ ގޭބިސީތަކަށް ވައުޗަރތައް ވެސް ބަހާފައި. އަދި މިވަގުތުވެސް ޕްރޮމޯޝަނެއް ހިނގަމުން އެބަދޭ އެކޯ ޑަސްބިންތަކަށް ޚާއްސަކޮށްގެން. އަދި ޚާއްސަ ޑިސްކައުންޓްތަކެއް ވެސް ލިބިގެންދާނެ." ޢައްބާސް ވިދާޅުވިއެވެ.

ވެލިގާ ހާޑްވެއަރއަކީ ރާއްޖޭގެ ހާޑްވެއަރ ވިޔަފާރީގެ ތެރެއަށް ވަދެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑެތި ކާމިޔާބީތައް ހޯދި ކުންފުންޏެކެވެ. މި ކުންފުނީގެ ގިނަ ފިހާރަތައް މާލޭއާއި ހުޅުމާލޭގައި މިހާރު ވަނީ ހުޅުވާފައެވެ.