ވިޔަފާރި

އެއަރ މޯލްޑިވްސްއަށް ވީހެން، އައިލެންޑް އޭވިއޭޝަން ބަނގުރޫޓެއް ނުވާނެ - ރިޒްވީ


ކުންފުނީގެ ދަރަނި ބޮޑުވެ ކުރީގެ ޤައުމީ އެއަރލައިން، އެއަރ މޯލްޑިވްސް ބަނގުރޫޓުވި ނަމަވެސް އައިލެންޑް އޭވިއޭޝަން ބަނގުރޫޓުވެގެން ނުދާނެކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވެއްޖެއެވެ.

ރިޒްވީ މިހެން ވިދާޅުވީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި އައިލެންޑް އޭވިއޭޝަަނަށް 10 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުމާއެކު ގިނަ ބަޔަކު އެކުންފުނީގެ މެނޭޖުމަންތަށް ފާޑު ކިޔައި ކުންފުނީގެ ކުރިމަގާމެދު ސުވާލުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ރިޒްވީ ވިދާޅުވީ އެއަރ މޯލްޑިވްސް ފަދަ ކުންފުނިތައް ބަނގުރޫޓުވެގެންދިޔައީ ކުންފުނި މެނޭޖްކުރަން ނޭނގި އަމިއްލަ ފައިދާއަށް ކުންފުނި ހިންގަން ބަޔަކު މަސައްކަތްކުރުމުން ކަމަށެވެ. އައިލެންޑް އޭވިއޭޝަނުގައި ގެއްލުންވީ ހަމައެކަނި ދެވަނަ ކުއާޓަރުގައިކަމަށާއި ކުރިއަށްއޮތް ތަނުގައި ކުންފުންޏަށް ފައިދާ ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުންފުނި ބަނގުރޫޓުވުމާހަމައަށް ނުދާނެކަމުގެ ޔަޤީންކަންވެސް ރިޒްވީ ވަނީ ދީފައެވެ.

"ކުރީގައި ބަނގުރޫޓުވެގެންދިޔަ ތަންތަނުގެ ވާހަކަދައްކަވަންޏާ އެއީ އޭރު ވިޔަފާރިކުރަން ނޭގޭ ބަޔަކު ވިޔަފާރިކޮށްގެން އަމިއްލަ ފައިދާއަށް މަސައްކަތްކުރުމުން ކުރިމަތިވިކަމެއްކަމަށް އަޅުގަނޑަށް ލަފާކުރެވެނީ. މިސާލަކަށް ބުނަންޏާ އެއަރ މޯލްޑިވްސް ބަނގުރޫޓުވެގެންދިޔައީ، ޝިޕިންގ ލައިން އަދި އެމްއެންއެސްްއެލް ބަނގުރޫޓުވީ. ޤައިމުވެސް އަޅުގަނޑުމެންނަކީ އޭގެ ބައެއް ނޫން. އަޅުގަނޑުމެންނަކީ ވަރަށް ވެސް އޯޕެންކޮށް ކަންތައްތައް ކުރައްވާ ބައެއް." މުޙައްމަދު ރިޒްވީ ވިދާޅުވިއެވެ.

އެއަރ މޯލްޑިވްސްއަކީ 1974ވަނަ އަހަރު އުދުހުންތައް ފެށި ކުންފުޏެވެ. އެއީ ކުރިން ރާއްޖޭގެ ޤައުމީ އެއަރލައިނެވެ. ކާމިޔާބު ކަމާއިއެކު ދަތުރުތައް ކުރަމުންދަނިކޮށް 2000ވަނަ އަހަރު ކުންފުނީގެ 69.2 މިލިއަން ޑޮލަރަށް ވީނުވީއެއް ނޭގި އެއަރ މޯލްޑިވްސް ބަނގުރޫޓުވިއެވެ.

މިއާއެކު، ހަމަ އެއަހަރު ސަރުކާރުގެ 100 އިންސައްތަ ހިއްސާއާއެކު އޭރުގެ ސަރުކާރުން ވަނީ މިހާރުގެ ޤައުމީ އެއަރލައިން "މޯލްޑިވިއަން" އުފައްދާފައެވެ. އެއަރ މޯލްޑިްވްސްގެ ފަހުން ރާއްޖޭގެ އެތެރޭގެ ދަތުުރުތައް ކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރީ ޤައުމީ އެއަރލައިން މޯލްޑިވިއަންއެވެ.