ވިޔަފާރި

އައިލެންޑް އޭވިއޭޝަނަށް ލިބެންޖެހޭ ބައި މިލިޔަން ރުފިޔާ އަދިވެސް ނުލިބޭ!


ދަރަނީގެ ގޮތުގައި އައިލެންޑް އޭވިއޭޝަނަސް ލިބެންޖެހޭ ބައި މިލިއަނެއްހާ ރުފިޔާ އަދިވެސް އެކުންފުންޏަށް ލިބިފައިނުވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ޗީފް ފައިނޭންޝިއަލް އޮފިސަރ މުޙައްމަދު ޝާހީން ވިދާޅުވީ މިހާތަނަށް އެކުންފުނިން ކްރެޑިޓްގެ ގޮތުގައި ދޫކޮށްފައިވާ ޚިދުމަތްތަކަށް 500 މިލިއަނެއްހައި ރުފިޔާ ނުލިބި އެބަހުރިކަމަށެވެ. އޭނާ ވިދާޅުވީ ކަސްޓަމަރުންނާ ވާހަކަދައްކައިގެން މިފައިސާ ހޯދުމުގެ މަސައްކަތް މިހާރު ކުންފުނިން ކުރަމުންދާކަމަށެވެ.

"ދެވަނަ ކުއަރޓާއާ ހަމައަށް އަޅުގަނޑުމެންނަށް ލިބެން އެބައޮތް ބައި މިލިއަނެއްހާ ރުފިޔާ. ކްރެޑިޓަށް އަޅުގަނޑުމެން ޚިދުމަތް ދީފައި ނުލިބި ހުރި ފައިސާ. ކަސްޓަމަރުންނާއި ނެގޯޝިއޭޓް ކޮށް މިފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން މިދަނީ. މިކަމަށް އަޅުގަނޑުމެންގެ ވަކި ޓީމެއް އެބައޮތް." ޝާހީން ވިދާޅުވިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ދެވަނަ ކުއާޓާއާ ހަމައަށް އައިލެންޑް އޭވިއޭޝަނުން އެހެނިހެން ކުންފުނިތަކަށް ދައްކަންޖެހޭ ދަރަނި ވަނީ 442 މިލިއަން ރުފިޔާއަށް އާރާފައެވެ.

މި ތަފާސްހިސާބުތައް ދައްކާގޮތުން އައިލެންޑް އޭވިއޭޝަނުން ދަރަނި ނަގާ މިންވަރު ފާއިތުވި އަހަރުތަކުގައި 72 މިލިއަން ރުފިޔާއަށް މަދުވެފައިވީ ނަމަވެސް ދަރަނި ދެއްކުމުގައި ކުންފުންޏަށް ކުރިއަށްހުރި އަހަރުތަކުގައި ދަތިތަކާއި ކުރިމަތިވާނެކަމަށް ބުނެފައިވެއެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ އެކުންފުނިން ނަގާފައިވާ ބައެއް ދަރަނިތަކަކީ ދިގު މުއްދަތެއްގައި ފައިސާ ދައްކާ ގޮތަށް ނަގާފައިވާ ލޯންތަކެއްކަމުން، މި ލޯންތައް އަދާކުރުމަށް ދުވަސް ނަގާނެކަމަށެވެ. ނަމަވެސް ކުންފުންޏަށް ލިބޭ ފައިސާއިން ލޯންތަކަށް ފައިސާ ދައްކަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.