ވިޔަފާރި

ދެވަނަ ކުއާޓަރުގައި އާންމުކޮށްވެސް ގެއްލުންވޭ - އައިލެންޑް އޭވިއޭޝަން


ދެވަނަ ކުއާޓަރަކީ އައިލެންޑް އޭވިއޭޝަނަށް ޢާންމުކޮށްވެސް ގެއްލުންވާ ދުވަސްކޮޅެއްކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވީ ކޮންމެ އަހަރެއްގެ ދެވަނަ ކުއަރޓަރަކީވެސް އެކި ސަބަބުތަކާހުރެ ކުންފުންޏަށް ގެއްލުންވާ ދުވަސްކޮޅެއްކަމަށެވެ. ރިޒްވީ ވިދާޅުވީ 2018ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ވެސް ކުންފުންޏަށް 5 މިލިއަން ރުފިޔާގެ ގެއްލުން ލިބުނުކަމަށެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އައިލެންޑް އޭވިއޭޝަންއަށް ވަނީ 10 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައެވެ. މިއީ މިދިޔަ އަހަރު ލިބުނު ގެއްލުންތަކާއި އަޅާބަލާއިރު ދެގުނަ ބޮޑު ޢަދަދެކެވެ. ރިޒްވީ ވިދާޅުވީ އާންމުކޮށް ކޮންމެ އަހަރެއްގެ ދެވަނަ ކުއަރޓަރުގައި ކުންފުންޏަށް ގެއްލުންވަނީ ދެވަނަ ކުއާޓަރާއި ރޯދަމަހާއި ދިމާވުމުންކަމަށެވެ. އެހެންނަމަވެސް މިއަހަރު މިހާ ބޮޑު ގެއްލުމެއް ކުންފުންޏަށް ލިބުނީ މިއަހަރުތެރޭ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމުގެ ސަބަބުންކަމަށް ރިޒްވީ ވިދާޅުވިއެވެ.

"މިސަރުކާރުގެ ވަރަށް މުހިއްމު މެންޑޭޓެއް އެއަރ ޓްރާންސްޕޯޓުގެ އަގުހެޔޮކުރުމަކީ. އޭގެ ތެރެއިން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ރެވެނިއު ލޮސް އެއް ލިބުނު. ކޭޝް ޑިސްކައުންޓެއްގެ ގޮތުގައި 100 މިލިއަން ރުފިޔާ އަހަރަކުން އަޅުގަނޑުމެންގެ ޕްރޮފިޓުން މިދޫކޮށްލީ." ރިޒްވީ ވިދާޅުވިއެވެ.

މީގެ އިތުރުން ޗައިނާއިން ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު މަދުވުމާއި އާންމުކޮށްވެސް މިދުވަސްކޮޅު ދަތުރުތައް މަދުވުމާއި ގުޅިގެން ވެސް ކުންފުންޏަށް ގެއްލުންވެފައިވާކަމަށް ރިޒްވީ ފާހަގަކުރެއްވިއެވެ.

"ސެކަންޑް ކުއަރޓަރގައި ރޯދަ މަސް ވަން. ރޯދަމަހަކީ އާންމުކޮށް ވެސް ވަރަށް ޓްރެވެލް ލޯ ޕީރިއަޑެއް. މިއީ ހަމައެކަނި މިފަހަރު ދިމާވިކަމެއް ނޫން. މިއީ ޓޫރީސްޓް މޫވްމެންޓް ފެށިގެން އައި ފަހުން އަބަދުވެސް ގެއްލުން ވަމުން އައި މަހެއް. ތިންވަނަ ކަމަކީ ޗައިނާ އޮޕަރޭޝަންގެ ލޮސްއެއް. ވީގޮތަކީ ޗައިނީސް އޮޕަރޭޝަންސް ދަށްވުން. " ރިޒްވީ ވިދާޅުވިއެވެ.

ރިޒްވީ ވިދާޅުވީ މިގެއްލުންތަކާއެކުވެސް ކުންފުނި މިހާރުވެސް މަސައްކަތްކުރަނީ ފައިދާގައިކަމަށެވެ. އެގޮތުން މިހާރުވެސް 7 މިލިއަން ރުފިޔާގެ ޕްރޮފިޓް ކުންފުނީގައި ހުރިކަމަށް ރިޒްވީ ވިދާޅުވިއެވެ.

"2018 ގެ ނުވަމަހާއި 2019ގެ ނުވަމަހުވެސް އަޅުގަނޑުމެން އަދިވެސް މިއުޅެނީ ޕްރޮފިޓުގައި. 7 މިލިއަން ރުފިޔާގެ ޕްރޮފިޓް އެބައުޅޭ. މިއީ ޓިކެޓް އަގުހެޔޮކުރުމަށްފަހު ވެސް އަޅުގަނޑުމެންނަށް ޖެހުނު ފައިދާ." ރިޒްވީ ވިދާޅުވިއެވެ.

ރިޒްވީ ވިދާޅުވީ އަހަރުގެ ދެވަނަ ކުއަރޓަރުގައި ގެއްލުން ބޮޑުވި ނަމަވެސް ތިންވަނަ ކުއަރޓަރުން މި ގެއްލުން ފޫބެއްދޭނެކަމަށެވެ. އެގޮތުން ކުޅުދުށްފުއްޓަށް ފެށި ދަތުރުތަކާއި ހަނިމާދޫއިން ކޮޗިންއަށް ފެށި ދަތުރުތަކާއިއެކު ކުރިއަށްއޮތް ތަނުގައި ކުންފުންޏަށް ރަނގަޅު ފައިދާއެއް ވާނެކަމަށް ރިޒްވީ ވިދާޅުވިއެވެ.

" ކުރިއަށް އޮތް ސީޒަނަކީ ޓްރެވެލް ސީޒަން. ސީޒަންކޮށް އަޅުގަނޑުމެން ވެސް މި މަސައްކަތްކުރަނީ. އެހެންވީމަ، މިއަހަރު އަޅުގަނޑުމެންނަށް މިދިޔަ އަހަރަށް ވުރެ ރަނގަޅަސް ނިންމާލެވޭނެކަމަށް މި ބަލަނީ. އަޅުގަނޑުމެން ކުޅުދުއްފުށްޓަށާއި ކޮޗިންއަށް ދަތުރުތައް ފަށާފައި މިވަނީ. އެހެންކަމުން ބާކީ އޮތް ތިން މަހަކީ ވަރަށް އުއްމިދީ ދުވަސްތަކެއް. " ރިޒްވީ ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނިތައް ރެގިއުލޭޓް ކުރުމުގެ ޒިންމާ އަދާކުރާ ޕީސީބީން، އެސްއޯއީތަކުގެ މާލީ ހާލަތު ދިރާސާކުރުމަށް ފަހު ނެރެފައިވާ މިއަހަރުގެ ދެވަނަ ކުއާޓާ ރިވިއު ރިޕޯޓްގައިވާ ގޮތުން ފުރަތަމަ ކުއާޓަރާ އަޅަބަލާއިރު، ދެވަނަ ކުއާޓަރުގައި އައިލެންޑް އޭވިއޭޝަނަށް ލިބުނު އާމްދަނީ ވަނީ 15 އިންސައްތަ ދަށްވެފައެވެ. މީގެ ސަބަބެއް ކަމަށް ޕީސީބީން ބުނަނީ ކުންފުނީގެ ޚަރަދު ބޮޑުވުމެވެ.
މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި މުވައްޒަފުންގެ މުސާރާއިގެ ގޮތުގައި އައިލެންޑް އޭވިއޭޝަނުން ޚަރަދުކުރީ 91.6 މިލިއަން ރުފިޔާއެވެ. ނަމަވެސް މިއަހަރުގެ ދެވަނަ ކުއާޓަރުގައި މުވައްޒަފުންގެ މުސާރާއިގެ ގޮތުގައި 100 މިލިއަނެއްހާ ރުފިޔާ އެކުންފުނިން ޚަރަދުކޮށްފައިވެއެވެ.
ރިޒްވީ ވިދާޅުވީ އޭވިއޭޝަން މާކެޓަށް އިތުރު ކުންފުނިތައް ވަނުމާއެކު ކުންފުނީގެ ޓެކްނިކަލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވާކަމަށެވެ.