ޚަބަރު

ސޫރިޔާގެ އެއްވެސް ހިސާބަކަށް ދަތުރުކުރުމަކީ ކުށެއް


މުޅި ސޫރިޔާއަކީ ހަނގުރާމައިގެ ސަރަޙަައްދެއްކަމަށް ކަނޑައަޅައި އެޤައުމުގެ އެއްވެސް ހިސާބަކަށް ދަތުރުކުރުމަކީ ކުށެއްކަމަށް ދިވެހި ސަރުކާރުން ކަނޑައަޅައިފިއެވެ.

ސޫރިޔާގެ އެއްވެސް ހިސާބަކަށް ދަތުރުކުރުމަކީ ކުށެއް ކަމަށް ދިވެހި ސަރުކާރުން ކަނޑައަޅާފައިމިވަނީ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު 18ވަނަ މާއްދާގެ (ހ)ގެ ދަށުން ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން، ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ގޮތުގައި، ސޫރިޔާގެ ހުރިހާ ސަރަޙައްދެއް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވުމާއި ގުޅިގެންނެވެ.

ސޫރިޔާއަކީ ހަނގުރާމަވެރި ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައި މިވަނީ، ސޫރިއާގެ ދާޚިލީ ހަނގުރާމާގައި ދިވެހިން ބައިވެރިވެ އޭގެ ތެރެއިން ބައެއް މީހުން މަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ހަނގުރާމަވެރި ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތައް ރައީސް ކަނޑައަޅުއްވައި، އިއުލާން ކުރަން ޖެހޭނެ އެވެ. ހަނގުރާމަވެރި ސަރަހައްދަކަށް ސަރުކާރުގެ ހުއްދަ ނެތި ދިއުމަކީ ވެސް އެ ގާނޫނުގެ ދަށުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.

ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި މީގެކުރިން ރައީސް 17 ކަނޑއަޅާވަނީ އިއުލާންކޮށްފައެވެ. މި ލިސްޓު އަލުން ޢާންމުކޮށްފައިވާއިރު، އިތުރު ދެ ޓެރަރިސްޓް ޖަމާޢަތެއް ވަނީ އިތުރުކޮށްފައެވެ. މި ދެޖަމާޢަތަކީ ހައިއަތު ތަހްރީރް އަލް ޝާމް އާއި ހުއްރާސް އައް ދީން ކިޔާ ދެ ޖަމާއަތެވެ.