ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލްގެ ކާޑިއެކް ސެންޓަރުން 38 ފަރާތަކުން ހިދުމަތް ހޯދާފައިވޭ - ކޭ އާރު އެޗް


ކުޅުދުއްފުށީ ރީނަޖަލް ހޮސްޕިޓަލުންގެ ކާޑިއެކް ސެންޓަރުން ހިދުމަތް ދޭން ފެށި ފަހުން 38 މީހަކު އެ ހިދުމަތް ހޯދާފައިވާކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފި އެވެ.

އެހޮސްޕިޓަލްގައި ކާޑިއެކް ސެންޓަރ އެއް ގާއިމްކޮށް ހިދުމަތް ދޭން ފަށާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އެހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި މިޚިދުމަތަށް ޑިމާންޑް އަންނަނީ ބޮޑުވަމުންނެވެ. ކުޅުދުއްފުށީގައި މިފަދަ ޚިދުމަތެއް ލިބޭގޮތަށް މިހަމަޖެއްސީ އިމަޖެންސީކޮށް ގިނަ ބަލިމީހުން ހިތުގެ ފަރުވާއަށް މާލޭދާންޖެހޭތީ ކަމަށް މިސެންޓަރު ހުޅުއްވައިދެއްވުމަށްފަހު ހެލްތް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިގޮތަށް މީހުން ފޮނުވާއިރު އުފުލަންޖެހޭ ތަކުލީފާއި ކުރަންޖެހޭ ޚަރަދު ރީޖަނަލް ހޮސްޕިޓަލުގައި ފެށި މިޚިދުމަތާއެކު ކުޑަވެގެންދާނެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޤާއިމްކޮށްފައިވާ ކާޑިއެކް ސެންޓަރުން ކާޑިއެކް ކޮންސަލްޓޭޝަން، އިކޯ ކާޑިއޯގްރާމް ، ހޯލްޓަރސް މޮނިޓަރިން ، އީސީޖީ އަދި ޓީއެމްޓީ ފަދަ ޚިދުމަތްތައް ލިބެންހުރެއެވެ. ސީޓީ ސްކޭނާއި ކާޑިއެކް ސެންޓަރަކީ ސަރުކާރުން ތަރައްޤީކުރަން ނިންމާފައިވާ ފަސް މަސްރޫއުގެތެރޭގައި ހިމެނޭ ކަމެކެވެ.

އެވްރެޖްކޮށް ދުވާލަކު 305 ބަލިމީހުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ޚިދުމަތް ހޯދައެވެ. މިއީ މާލެ ފިޔަވައި އަތޮޅު ތެރޭގައި މިޚިދުމަތް ދޭ ފުރަތަމަ ސެންޓަރެވެ.