ކުޅިވަރު

މި އަހަރަށް ކަނޑައެޅި ޓާގެޓް ހާސިލްކުރަން ކުރިއަށް އޮތީ ވަރަށް މުހިންމު ދެ މެޗު: އަކުރަމް


ޤައުމީ ފުޓްބޯޅަ ޓީމުން މި އަހަރަށް ކަނޑައެޅި ޓާގެޓް ހާސިލްކުރަން ކުރިއަށް އޮތީ ވަރަށް މުހިންމު ދެ މެޗުކަމަށް ޤައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ ބުނެފިއެވެ.

ޤައުމީ ޓީމް މިހާރު ތައްޔާރުވަމުން އަންނަނީ ވަރލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ކޮލިފައިންގައި ފިލިޕީންސްއާއި ގުއާމްއާއި ދެކޮޅަށް މާލޭގައި ކުޅޭ 2 މެޗަށެވެ. މި 2 މެޗަށް ތާއްޔާރުވުމަށް މެލޭޝިޔާގައި ތަމްރީން ހަދަމުންނެވެ.

ޤައުމީ ފުޓްބޯޅަ ޓީމްގެ ތައްޔާރީތަކާއި ގުޅޭ ގޮތުން ކެޕްޓަން އަކުރަމް އަބްދުލްޣަނީ ބުނީ ކުރިއަށް އޮތް ދެ މެޗަކީ ކޮލިފައިންގައި ކުޅޭނެ އެންމެ މުހިންމު ދެ މެޗުކަމަށާއި، ދެ މެޗުން މޮޅުވާން ޓީމުން ބުރަކޮށް މަސައްކަތްކުރަމުން އަންނަކަމަށެވެ. އަކުރަމް ބުނީ މިއަހަރަށް ޓީމުގެ ޓާގެޓް ހާސިލްކުރެވޭނީވެސް މި ދެ މެޗުން މޮޅުވެގެންކަމަށާއި، ކުޅުންތެރިން ކުރާ މަސައްކަތަށް ބަލާއިރު މެޗުން މޮޅުވާން ބޭނުންވާ މިންވަރު ފެންނަކަމަށެވެ.

މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް އުފުލާލި ޓީމްގެ ކެޕްޓަން އަކުރަމް ބުނީ ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން މެލޭޝިޔާގައި މިކުރާ ތަމްރީންތަކަކީ ޓީމް އިތުރަށް ވަރުގަދަވެ ދެ މެޗަށް ފުރިހަމައަށް ތައްޔާރުވާން ލިބުނު ރަނގަޅު ފުރުސަތެއްކަމަށެވެ. މި ތަމްރީންތަކުގެ ފައިދާ ފެންނާނެކަމުގެ އުއްމީދު ބޮޑުކަމަށާއި ހުރިހާ އެންމެންގެވެސް އަޒުމަކީ ކުރިއަށް އޮތް ދެ މެޗު ކާމިޔާބުކުރުންކަމަށް އޭނާ ބުންޏެވެ.

"މިއީ އަޅުގަނޑުމެން މިއަހަރު ކަނޑައެޅި ޓާގެޓަށް ހާސިލުވާން އަޅުގަނޑު ދެކޭ ގޮތުގައި ކުރިޔަށް އޮތީ ވަރަށް މުހިއްމު ދެ މެޗު. އެހެންވީމަ އެ ދެމެޗަށް ތައްޔާރުވާން ވަރަަަށް ރަނގަޅު 10 ދުވަހުގެ ކޭމްޕެއް ކަންނޭންގެ މި ލިބުނީ. ދެން ޕްރެކްޓިސް ފަށައިގެން ވަރަށް ބުރަކޮށް މިދަނީ .ހުރިހާ ކުދިންގެ މަސައްކަތްވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ދަނީ". އަކްރަމް ބުންޏެވެ.

ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ އެއްވަނައިގައި 9 ޕޮއިންޓާއެކު އޮތީ ސީރިއާ އެވެ. ދެވަނައިގައި 7 ޕޮއިންޓާއެކު ޗައިނާ އޮތްއިރު، ތިންވަނައިގައި 4 ޕޮއިންޓާއެކު އޮތީ ފިލިޕީންސް އެވެ. އަދި 3 ޕޮއިންޓާއެކު ރާއްޖެ ފަސްވަނައިގައި އޮތްއިރު، ފުލުގައި ގުއާމް އޮތީ ޕޮއިންޓެއް ނުލިބިއެވެ.