ޚަބަރު

މޫސުމަށް ސަމާލުވޭ - ރާއްޖެ ސަރަޙައްދުގައި ބާރުގަދަ ތޫފާން "މަހާ"


ރާއްޖެ މަތީ އުފެދިފައިވާ ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެ މިރޭ 11 އިން ފެށިގެން ސައިކްލޯނަކަށް ބަދަލުވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މިސައިކްލޯންގެ ސަބަބުން ކުރިއަށް އޮތް ގަޑިތަކުގައި ރާއްޖޭގެ އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށްވާރޭވެހޭނެކަމަށް މެޓު އޮފީހުން ލަފާކުރެއެވެ. ރާއްޖޭ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރުގަދަވެ މިރޭ 11 އިން ފެށިގެން މާހާ ނަމަކަށްކިޔާ ސައިކްލޯންއަކަށް ބަދަލުވާނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.

އެހެންކަމުން ކުރިއަށް އޮތް ގަޑިތަކުގައި ވައިގަދަވެ ރާއްޖޭގެ އުތުރާއި މެދު ރާއްޖޭގެ ރަށްތަކަށް އުދައެރުމުގެ ފުރުސަތު ބޮޑުކަމަށްވެސް މެޓު އޮފީހުން ވިދާޅުވެއެވެ. އެހެންކަމުން ފެން ބޮޑުވުމުގެ ޙާދިސާތައް ކުރިއަށް އޮތް ގަޑިތަކުގައި އިތުރުވުން އެކަށީގެންވާތީ ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުމާއި އުދައިގެ ސަބަބުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް ދުރާލާ ފިޔަވަޅުތައް އެޅުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ. އަދި މިދުވަސްވަރު ކޮންމެހެން ކުރަން ޖެހޭ ދަތުރެއްގައި ނޫނީ ކަނޑު މައްޗަށް ނުނިކުތުމަށް އެއިދާރާއިން އިލްތިމާސްކުރައްވައެވެ.

މެޓު އޮފީހުން ވިދާޅުވީ ރާއްޖެ މަތީ އުފެދިފައިވާ މި ކޮޅިގަނދު ދަތުރު ކުރަނީ ސީދާ ރާއްޖެ މަތިން ނޫންކަމަށާއި އެހެންނަމަވެސް ރާއްޖެއާއި ކައިރިންކަމަށްވާތީ މީގެ އަސަރު ރާއްޖެއަށް ކުރާނެކަމަށެވެ. މިރޭ 11 އިން ފެށިގެން ސައިކްލޯންއަކަށް ބަދަލުވެ މި ކޮޅިގަނޑުގެ މިސްތާބުހުރީ ޢަރަބި ކަނޑާ ދިމާލަށްކަމަށްވެސް އެއިދާރާއިން ވިދާޅުވެއެވެ. ފާއިތުވި 48 ގަދި އިރުގެތެރޭގައި ރާއްޖޭގެ ރަށޤތަކަށް އުދަ އަރަމުން ދިޔައީ ޢަރަބި ކަނޑުގައި އުފެދިފައިވާ ތޫފާނުގެ ސަބަބުން އުފެދެ ބާނިތަކުން ކަމުގައިވީނަމަވެސް މިހާރު އެތޫފާނުގެ ބާރު ދަށްވަމުންދާކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. އެހެންކަމުން މިހާރު ރާއްޖޭގެ ރަށްތަކަށް އުދައިގެ އަސަރު ކުރަމުންދަނީ މިސަރައްޙައްދުގައި އުފެދިފައިވާ ކޮޅިގނަދުގެ ބާރު ގަދަވުމާއި ގުޅިގެންކަމަށްވެސް އެއިދާރާއިން ލަފާކުރެއެވެ.

ރާއްޖެ މަތީ އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ރާއްޖޭގެ ބޮޑުބަޔަކަށް ފާއިތުވި ގަޑިތަކުގައިވެސް ވަނީ ބޯކޮށް ވާރެވެހި ވިއްސާރަވެފައެވެ. އެގޮތުން ފާއިތުވި 24 ގަޑި އިރު އެންމެ ގިނައިން ވާރޭވެފައިވަނީ 111 މިލިމީޓަރުގެ ވާރެއާއެކު ކ.ގާފަރަށް ކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.