 
					
									
			ސ.ހުޅުމީދޫ މިފްކޯ ބަނދަރުގެ ފުރަތަމަ ފިޔަވަހި ތަރައްޤީކުރުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއުގެ މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީން ސޮއިކުރެއްވީ  ޑިރެކްޓަރ ޖެނަރަލް ފާޠިމަތު ޝާނާ ފާރޫޤްއެވެ. އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހްއެވެ.
68 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މި މަޝްރޫއު މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރަންޖެހެއެވެ. މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވަނީ 97 މީޓަރ ޝީޓް ކީވޯލް އެޅުމާއި ބަނދަރު އަދި ނެރު ފުންކުރުމެވެ. 
އެމްޓީސީސީން އަންނަނީ އައްޑޫ މީދޫ ބަނދަރު ޒަމާނީ ފެންވަރަށް މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެމްޓީސީސީ އާއި ޙަވާލު ކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. 
އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ތެރެއިން މީދޫ ބަނދަރު ފުންކޮށް 2480 މީޓަރުގެ ހާބަރ ޕޭވްމެންޓެއް އެޅުމާއި، 115 މީޓަރު ބަނދަރު ތޮށިލުން ހިމެނެއެވެ.