އަތޮޅުތައް

ކުޅުދުއްފުއްޓަށް ގެންދާ ފިނިކުރި ބާވަތްތައް ރައްކާތެރިއެއް ނޫން


ފިނިކުރެވޭ ނިޒާމެއް ނެތި ރައްކާތެރި ނޫން ގޮތުގައި ބަންދުކޮށްގެން މާލެއިން ކުޅުދުއްފުއްޓަށް އެތެރެކުރާ ފިނިކުރި ބާވަތްތައް ބޭނުން ނުކުރުމަށް ކުޅުދުއްފުށީ ޕަބްލިކް ހެލްތުން އަންގައިފިއެވެ.ކުޅުދުއްފުށީ ޕަބުލިކް ހެލްތުން މިގޮތަށް އަންގާފައި މިވަނީ، އިއްޔެ މާލެއިން ކުޅުދުއްފުއްޓަށް ދިޔަ ބޯޓަކުން ގެނެސްފައިވާ ފިނިކުރި އެއްގަމު މަހުގެ ބާވަތްތައް އޮޑިން ބޭލުމުގެ ކުރިން ޕަބުލިކް ހެލްތު ޔުނިޓްގެ އޮފިޝަލުންނާއި ކައުންސިލް މެމްބަރަކު އެބޯޓަށް ގޮސް އެއްޗެހި ޗެކްކުރުމަށްފަހުގައެވެ.ޕަބުލިކް ހެލްތުގެ އޮފިޝަލަކު ޕީއެސްއެމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މާލެއިން ކުޅުދުއްފުއްޓަށް އެތެރެކުރާ ފިނިކުރި ބާވަތްތައް ގެންނަނީ ރައްކާތެރިގޮތުގައި ބަންދުކޮށްގެން ނޫން ކަމަށާއި އެތަކެއްޗަކީ ސިއްހީ ގޮތުން ބޭނުންކުރަން ރައްކާތެރި އެއްޗެހި ނޫން ކަމަށެވެ. އެގޮތުން ކުކުޅާއި ސޮސެޖާއި ގެރިމަހާ ބަޓަރާއި ޗީޒް ފަދަ ތަކެތި ބޭނުން ނުކުރުމަށް އެފަރާތުން އިލްތިމާސް ކުރެއެވެ.ޕަބުލިކް ހެލްތުގެ އޮފިޝަލް ވިދާޅުވީ އިއްޔެ ހިންގި އިންސްޕެކްޝަންގައި މާލެއިން ކުޅުދުއްފުއްޓަށް ދިޔަ ބޯޓަކުން ގެންދިޔަ ފިނިކުރި އެއްގަމު ބާވަތްތަކެއް ބޯޓުން ބޭލުމުގެ ކުރިން ޗެކް ކުރިއިރު އެތަކެތި ވަނީ އެއްކޮށް ފިނިކެނޑި މަޑުވެފައި ކަމަށާއި ފިނި އެއްކޮށް ކެނޑުމަށްފަހު އަލުން ފިނިކޮށްގެން އެތަކެތިބޭނުން ކުރުމަކީ އެއްގޮތަކަށް ވެސް ރައްކާތެރިކަމެއް ނޫން ކަމުގައެވެ.މިރޯދަމަހު ފުރަތަމަ ފަހަރަށް މާލެއިން ކުޅުދުއްފުއްޓަށް ފިނިކޮށްގެން އެތެރެކުރި އެއްގަމު މަހުގެ ބާވަތްތައް ބޯޓަށް އެރުވި ފަހުން 18 ވަރަކަށްގަޑިއިރުވެފައިވާއިރު އެތަކެތި ސިއްހީ ގޮތުން ކެއުމަށް އެކަށީގެން ނުވާކަމަށްވެސް ހެލްތު އޮފިޝަލުން ވިދާޅުވެއެވެ. އެގޮތުން މިދަތުރުގައި އެތަކެތި ވިއްކަން ގެނައި 13 ތަނެއް ޕަބުލިކް ހެލްތުން ވަނީ އާއްމުކޮށްފައެވެ.ޕަބްލިކް ހެލްތުން ބުނީ ފިނިކުރި ބާވަތްތަކުގެ ތަކެތި މާލެއިން ކުޅުދުއްފުއްޓަށް ގެންނައިރު އޮޑިވެރިޔާ އާއި ގެންނަ ފަރާތްތަކުގެވެސް ޒިންމާތަކެއްވާ ކަމަށެވެ. އެގޮތުން އެތަކެތި ބޯޓަށް އަރުވާއިރު ރަނގަޅަށް ބަންދުކޮށްގެން އެރުވުމަށް އެފަރާތުން އިލްތިމާސްކުރެއެވެ. އަދި އޮޑިވެރިޔާ ވެސް އެފަދަތަކެތި އުފުލާއިރު އެތަކެތި ރައްކާތެރި ގޮތުގައި ގެނެވޭނެ އެކަށީގެންވާ އިންތިޒާމުތަކެއް ހަމަޖައްސާ ދިނުމަށް އެދިފައިވެއެވެ.ކުޅުދުއްފުށީ ކައުންސިލް މެމްބަރަކު ވިދާޅުވީ، މިމައްސަލައަކީ މީގެ ކުރިންވެސް އެތައް ފަހަރަކު ހުށަހެޅިފައިވާ ޝަކުވާއެއް ކަމަށާއި، މިކަމާ މަޝްވަރާތަކެއްވެސް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް މިކަމަށް އެދެވޭ ހައްލެއް މިވީހާ ތަނަށްވެސް ލިބިފައި ނުވާކަމަށާއި، އޮޑިވެރިންވެސް އަދި ވިޔަފާރިވެރިންވެސް މިކަމުގައި ޒިންމާ ނުނަގާ ކަމަށެވެ.އޮޑިދޯނިފަހަރުގައި މިތަކެތި ފިނިކުރެވޭނެ ނިޒާމެއް ޤާއިމު ކުރެވިފައި ހުންނަން ވާނެ ކަމުގައި ވިޔަފާރިވެރިން ބުނާއިރު، އޮޑިފަހަރުގެ ވެރީން މިޒިންމާ އަޅުވަނީ ތަކެތި ބޯޓުން ގެންނަ ވިޔަފާރިވެރިންގެ ބޮލުގައެވެ.މާލެއިން ކުޅުދުއްފުއްޓަށް ގެނެވޭ ފިނިކުރި އެއްގަމުމަސް ގެނެވެނީ، ފްރީޒަރަކަށް ނުލައި، ބޯޓުގެ އެއްފަރާތެއްގައި ބަހައްޓައި، މަތިން ސަތަރިގަނޑަކުން ނިވާކޮށްލައިގެންކަން ފާހަގަ ކުރެވެއެވެ. މިގޮތަށް ގެނެވޭ ތަކެތި ފިހާރަތަކަށް ރައްދު ކުރެވޭ އިރު، ބޯޓަށް އެރުވިފަހުން 18 ވަރަކަށް ގަޑިއިރު ހޭދަވުމުގެ ސަބަބުން ހުންނަނީ އެތަކެތީގެ ފިނިކަން އެއްކޮށް ކެނޑި މަޑުވެފައެވެ.މިއީ ޞިއްޙީ ގޮތުން ބޮޑެތި މައްސަލަތަކެއް ދިމާވެދާނެ ކަމެއް ނަމަވެސް އަދި މިވީހާ ތަނަށް މިތަކެތި ގެނެވެމުން ދަނީ ރައްކާތެރި ނޫން ގޮތުގައި ކަމަށް ވުމުން، މިއީ މިހާރުން މިހާރަށް ހައްލެއް ބޭނުންވެފައިވާ ކަމެއްކަމަށް ރައްޔިތުން ފާހަގަކުރެއެވެ.