ޚަބަރު

ފުވައްމުލަކު ސިޓީން ފްލެޓު ލިބުނު ފާރާތްތަކަށް ފްލެޓް ހަވާލުކުރަން ފަށައިފި


ފުވައްމުލަކު ސިޓީން ފްލެޓު ލިބުނު ފަރާތްތަކާއެކު އެގްރީމަންޓްގައި ސޮއިކޮށް ފްލެޓް ހަވާލުކުރަން ފަށައިފިއެވެ. ފުވައްމުލަކު ސިޓީގައި އިމާރާތްކޮށްފައިވާ 200 ހައުސިންގ ޔުނިޓްގެ ތެރެއިން 150 ހައުސިންގ ޔުނިޓް ވަނީ ޙައްޤުވެރި ފަރާތްތަކާއި ހަވާލުކޮށްފައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ފުވައްމުލަކު ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓުތައް ލިބިފައިވާ ހައްޤުވެރި ފަރާތްތަކާއި ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ހައުސިންގ މިނިސްޓްރީ އާއި ފުވައްމުލަކު ސިޓީ ކައުންސިލާއި ގުޅިގެންނެވެ. އެގޮތުން މިހާރު ކުރަމުން ދަނީ ފްލެޓުތައް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި، ޑައުންޕޭމެންޓު ދެއްކުމާއި ފްލެޓާއި ހަވާލުވުމުގެ މަސައްކަތެވެ.

ފުވައްމުލަކު ސިޓީން ފްލެޓު ލިބުނު ފަރާތްތަކާއިއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ނޮވެމްބަރު 4 ވަނަ ދުވަހާ ހަމައަށް ފުވައްމުލަކު ސިޓީގައި ކުރިއަށްދާނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 19000 ރުފިޔާ ދައްކަންޖެހޭއިރު މިނިސްޓްރީން ވަނީ އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އެގޮތުން ފްލެޓްތަކަށް ވަންނަން ފުރަތަމަ ނުވަހާސް ފައްސަތޭކަ ދެއްކުމަށް ފަހު ބާކީ ބައި ދެވަނަ މަހުގެ ތެރޭގައި ދެއްކޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ގެދޮރުވެރިކުރުމުގެ މި މަޝްރޫއުގެ ދަށުން ފުވައްމުލަކު ސިޓީގައި ވަނީ 200 ފްލެޓު އިމާރާތްކޮށްފައެވެ. ފުވައްމުލަކު ސިޓީގައި އަޅާފައިވާ ހައުސިންގ ޔުނިޓްތައް އަޅާފައިވަނީ 2 ކެޓަގަރީއަކަށެވެ. ކެޓަގަރީ އޭގައި ހިމެނެނީ ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ޢަމާޒުކޮށްފައިވާ ހައުސިންގ ޔުނިޓްތަކެވެ. އަދި ކެޓަގަރީ ބީގައި ހިމެނެނީ ފުވައްމުލަކަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް ޚާއްސަ ހައުސިންގ ޔުނިޓްތަކެވެ.

ފުވައްމުލަކު ސިޓީގައި އިމާރާތްކޮށްފައިވާ 200 ހައުސިންގ ޔުނިޓްގެ ތެރެއިން ބާކީ ހުރި ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް އަލުން ހުޅުވާލުމަށްވަނީ ނިންމާފައެވެ.

ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ދާއިރު އެތަނުގައި ދިރިއުޅެވޭވަރު ކުރުމަށްޓަކައި ފެނާއި ނަރުދަމާ އަދި ކަރަންޓް ގުޅުމުގެ މަސައްކަތްކޮށް މިހާރު ވަނީ ނިންމާފައެވެ. އަދި ފްލެޓު ސަރަހައްދުގެ ލޭންޑްސްކޭޕް ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުން ވަނީ މިމަހު 21ވަނަ ދުވަހު ސޮއިކޮށް އަ މޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައެވެ.

ފުވައްމުލައް ސިޓީއަކީ އާބާދީގައި ތޭރަ ހާހެއްހާ މީހުން ހިމެނޭ ރަށެކެވެ. އެރަށުގައި އިތުރު 800 ހައުސިންގ ޔުނިޓް އެޅުމަށް ސަރުކާރުންވަނީ ނިންމާފައެވެ.