މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންނަށްވުރެ، މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 15.8 އިންސައްތަ އިތުރުވެއްޖެއެވެ.
ޓުއަރިޒަމް މިނިސްޓްރީން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ (1080459) އެއް މިލިއަން އަށްޑިހަ ހާސް ހަތަރު ސަތޭކަ ފަންސާސް ނުވަ ފަތުރުވެރިންނެވެ. ނަމަވެސް މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 15.8 އިންސައްތަ އިތުރުވެ، (1251690) އެއް މިލިއަން ދެ ލައްކަ ފަންސާސް އެއް ހާސް ހަ ސަތޭކަ ނުވަދިހައަށް އަރާފައެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންނަށްވުރެ މިއަހަރުގެ ސެޕްޓެމްބަރުމަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވެސް ވަނީ 9.3 އިންސައްތަ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު (107620) އެއްލައްކަ ހަ ހާސް ހަ ސަތޭކަ ވިހި ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު، މިއަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖެއަށް (117619) އެއްލައްކަ ސަތާރަ ހާސް ހަ ސަތޭކަ ނަވާރަ ފަތުރުވެރިޔަކު ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
ރާއްޖެއަށް މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް އަރާފައިވާއިރު، ރާއްޖެއަށް މިއަހަރު 1.5 މިލިއަން ފަތުރުވެރިން ގެނައުމަށް ކަނޑައަޅާފައިވާ އަމާޒަށް އަންނަމަހު ވާސިލުވާނޭކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.