ޚަބަރު

އައްޑޫސިޓީއިން ޓޫރިޒަމަށް ބިން ދޫކުރުމަށް އަނެއްކާވެސް ތައްޔާރަުވެއްޖެ



ދެފަހަރެއްގެ މަތިން އައްޑޫސިޓީން ބިން ދޫކުރުން ފަސްކުރުމަށްފަހު އަނެއްކާވެސް ޓޫރިޒަމަށް ބިން ދޫކުރަން ނިންމައިފިއެވެ. އަންނަ ބުރާސްފަތި ދުވަހު ޓޫރިޒަމަށް ދޫކުރަން ނިންމާފައިވާ ބިންތައް ބިޑަށް ހުޅުވާލާނެ ކަމަށް، ސިޓީ ކައުންސިލުން ބުނެއެވެ.

އެކައުންސިލުން ވަނީ މީގެ ކުރީން، ދެފަހަރެއްގެ މަތީން ބިޑް ވިއްކުމަށް އިޢުލާން ކޮށްފައެވެ. ޓޫރިޒަމަށް ބިން ދޫކުރުމުގެ ގޮތުން ބިޑް ވިއްކަން ފަށާ ތާރީޚަކީ މިމަހުގެ 20 ވަނަ ދުވަސްކަމަށް ފުރަތަމަ ހަމަޖެއްސިއެވެ. އޭގެ ފަހުން 27 ވާ އާދީއްތަ ދުވަހަށް ފަސް ކުރިނަމަވެސް އެކަން ކޮށްފައެއް ނުވެއެވެ. މިހާރު އިޢުލާން ކޮށްފައިވާ ގޮތުން މިމަހުގެ 31 ވާ ބުރާސްފަތި ދުވަހު، ބިޑްވިއްކަން ފަށައި، ބިޑް ގަތުމުގެ ފުރުޞަތު އަންނަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހާ ހަމަޔަށް ހުޅުވާލާފައި ވެއެވެ.

މިކަމާއި ގުޅިގެން ޕީއެސްއެމް އިން ކުރި ސުވާލަކަށް ޖަވާބު ދެމުން އައްޑޫސިޓީ ކައުންސިލުން ބުނީ، ބިޑް ވިއްކުމުގެ ކަންކަން ލަސްވެގެން ދަނީ، ފުރިހަމަ ކުރަން ޖެހޭ ޓެކްނިކަލް ކަންތައް ތައް ފުރިހަމަ ވެފައި ނުވުމުން ކަމަށެވެ. އަދި އެ ދެފަހަރުވެސް ބިޑު ވިއްކުމުގެ ކުރިން ވާންޖެހޭ ތައްޔާރީ ނުވެވިވާކަން ކައުންސިލުން ފާހަގަ ކުރިއެވެ. މިހާރު މަސައްކަތް ކުރިއަށްދާ ގޮތުން ބުރާސްފަތި ދުވަހު މިކަން ފެށޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

ބިޑް ޑޮކިއުމެންޓް އަގަކީ، ދިވެހި ފަރާތެއް ނަމަ 2000ރ އަދި ބޭރުގެ ފަރާތެއް ނަމަ 300 ޑޮލަރެވެ.

އައްޑޫސިޓީގައި ގެސްޓް ހައުސް ހިންގަން 5،000 އަކަފޫޓްގެ ބިން ދޫކުރަން ހަމަޖެހިފައިވޭ. ސިޓީ ހޮޓާ ތަރައްގީކުރަން ދޫކުރާނީ 10،000 އަކަފޫޓްގެ ބިމެވެ. އައްޑޫގައި 4،000 އެނދު ތަރައްގީކުރަން ބޭނުންވާ ބިން ހޯދަން ހުޅުވާލިއިރު، އެ ބިންތަކުގައި ކުދިފަންތިއާއި، މެދުފަންތީގެ ގެސްޓްހައުސް ހިންގަން ބޭނުންވާ މީހުންނަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް 80 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.