ޚަބަރު

ރައްޔިތުންނަށް ފަސޭހަވާނެގޮތަށް ޚިދުމަތް ފޯރުކޮށްދިނުމައްޓަކައި ސްޓެލްކޯއިން ޙާއްސަ ކެމްޕޭނެއް ފަށައިފި


ރައްޔިތުންނަށް ފަސޭހަވާނެގޮތަށް ޚިދުމަތް ފޯރުކޮށްދިނުމައްޓަކައި ސްޓެލްކޯއިން ޙާއްސަ ކެމްޕޭނެއް ފަށައިފިއެވެ.

"ސްޓެލްކޯގެ ޚިދުމަތް ރައްޔިތުންނާއި ގާތުން" ކެމްޕޭންގެ ދަށުން ސްޓެލްކޯއިން ވަނީ ޙާއްސަ ޓްރޭނިން ޕްރޮގްރާމެއް ކުރިއަށްގެންގޮސްފައެވެ. ސްޓެލްކޯގެ ކަސްޓަމަރ ކެއަރ މުޢައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމްގައި ލެކްޗަރަރއެއްގެ ގޮތުން ހަރަކާތްތެރިވެފައިވަނީ، މީޑިއާ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތްކުރައްވާފައިވާ އިބްރާހިމް ވަހީދެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީ ވަނީ، ސްޓެލްކޯއިން އެ ކުންފުނީގެ ދިގު މާޒީގައި ރައްޔިތުންނާއި ގާތުން ޚިދުމަތްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކަރަންޓުގެ ޚިދުމަތުން އެކަނި ފެށި ސްޓެލްކޯގެ ޚިދުމަތް މިއަދު ފުޅާވެ ފުރިހަމަ ޔޫޓިލިޓީ ކުންފުންޏަކަށް އެ ކުންފުނި ވެފައިވާއިރު، އެކުންފުނިން މިހާރު އަމާޒުހިފާފައި ވަނީ ޓެކްނޮލޮޖީގެ ފަސޭހަތައް ޚިދުމަތްތަކަށް ތަޢާރަފްކުރުމަށްކަން މުޢުނީ ފާހަގަކުރެއްވިއެވެ. މުޣުނީ ވަނީ ސްޓެލްކޯއަކީ މި ސަރަހައްދުގައިވާ އެންމެ ފެންވަރު ރަނގަޅު ޔޫޓިލިޓީ ޚިދުމަތްދޭ ކުންފުންޏަށް ވުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެފައެވެ.

"ސްޓެލްކޯއަކީ ޔޫޓިލިޓީ ކުންފުނިތަކަށް ނަމޫނާއަކަށް ވާނަން. 70 އަހަރަށްވުރެ ގިނަ އަހަރުގެ ޚިދުމަތުގައި ގިނަ މަސައްކަތްތަކެއް ރައްޔިތުންނަށް ފަސޭހަވާނެގޮތަށް ޚިދުމަތްތަށް ބައްޓަންކޮށްފައިވާނީ." މުޣުނީ ވިދާޅުވިއެވެ.

ރައްޔިތުންނަށް ފަސޭހަވާނެގޮތަށް ޚިދުމަތް ފޯރުކޮށްދިނުމައްޓަކައި ސްޓެލްކޯއިން ޙާއްސަ ކެމްޕޭނެއް ފަށާފައިވާއިރު، ސްޓެލްކޯއިން ޓެކްނޮލޮޖީއަށް އަހުލުވެރިވުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން "ފިއުޗަރ އޮފް އެނަރޖީ ސިސްޓަމްސް"ގެ ނަމުގައި ސްޓެލްކޯއާއި ވަޓްސިލާ ކުންފުނި ގުޅިގެން ޚާއްސަ ތަމްރީން ޕްރޮގްރާމެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.