ޚަބަރު

"އދ.ގައި އަދާކުރެއްވި ދައުރާއެކު ރައީސް ޞާލިޙް ކުދި ޤައުމުތަކުގެ ލީޑަރަކަށް"


އދ.ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދާކުރެއްވި ދައުރުގެ ސަބަބުން ކުދި ޤައުމުތަށް ތަމްޞީލްކުރުމުގެ ލީޑަރަކަށް އެމަނިކުފާނު ވެވަޑައިގެންފައިވާކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ހިއްސާކުރައްވަމުން، ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސެކެޓްރީ، މަލްޓިލެޓަރަލް ޑރ.ޢަލީ ނަސީރު މުޙައްމަދު ވަނީ މި ސަރުކާރުން ރާއްޖެ ބައިނަލްއަޤްވާމީ މައިދާނުގައި ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ރާއްޖޭގެ ރައީސްއަކު އދ.ގެ 74 ވަނަ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމުން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ތަޢުރީފް ރާއްޖެއަށް ލިބިފައިވާކަން ޑރ.ޢަލީ ނަސީރު މުހައްމަދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ ތެރެއިން ރައީސް ޞާލިޙްގެ ވާހަކަފުޅު ވެގެންގޮސްފައިވަނީ، ކުދި ޤައުމުތަށް ސިޔާސީ ބަހުސްތަކަށް ނެރެން ބޭނުންވާ ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައިވާ ވާހަކަފުޅެއްކަމަށް ޑރ.ޢަލީ ނަސީރު ވިދާޅުވިއެވެ. މި ތަޤްރީރުގެ ސަބަބުން ރާއްޖެ އަނެއްކާވެސް ކުދި ޤައުމުތަށް ތަމްޞީލްކުރުމުގައި ލީޑަރަޝިޕް ރޯލް އަލުން ހޯދާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައީސް ޞާލިޙްގެ ސްޕީޗްވެގެން ގޮސްފައިވަނީ ކުދި ޤައުމުތަކަށް އުންމީދީ ވާހަކަފުޅުތަކަކަށް. އެގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި ކުދި ޤައުމުތަށް ސިޔާސީ ބަހުސްތަކަށް ނެރެން ބޭނުންވާ ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައިވޭ." ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވިއެވެ.

ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭލުންތެރިކުރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ޤައުމެއްކަމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ބަލައިގެންފައިވާކަން ޑރ.ޢަލީ ނަސީރު ފާހަގަކުރެއްވިއެވެ. އެގޮތުން މި މައްސަލައިގައި ރާއްޖެއިން ދޭ ޙައްލުތަށް މިހާރު ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ބަލައިގަންނަމުންދާކަމަށް ޑރ.ޢަލީ ނަސީރު ވިދާޅުވިއެވެ.

"އެންމެ ފުރަތަަމަ ރާއްޖެއިން ކަންކަމަށް ދޭ ހައްލުތަށް ވަރަށް މާ އުންމީދީކަމަށް ބެލި. ނަމަވެސް މިހާރު މި ހައްލުތަށް ބަލައިގަނެ ރާއްޖޭގެ މުހިންމުކަން ބައިނަލްއަޤްވާމީ މުޖުތަމަޢު ބަލައިގެންފައިވޭ." ޑރ. އަލީ ނަސީރު ވިދާޅުވިއެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ދަށުން ރާއްޖެ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ބާރުވެރިކުރުމަށް ގިނަ ޕްލެޓްފޯމްތަކެއްގައި ވަކާލާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ފާހަގަކުރައްވައެވެ.