ޚަބަރު

ގއ ގެ ރަށްރަށުގައި ތަޢުލީމީ ދާއިރާއިން ޓެކްނޮލޮޖީ ބޭނުންކޮށް ތަޢުލީމު ކުރިއެރުވުމާގުޅޭ ގޮތުން މަޝްވަރާ ކޮށްފި


ގއ. އަތޮޅުގައި ތައުލީމީ ދާއިރާއިން ޓެކްނޮލޮޖީ ކުރިއެރުވުމާ ގުޅޭގޮތުން އުގައިލް ފައުންޑޭޝަނުން އެއަތޮޅު ކައުންސިލާއެކު މަޝްވަރާ ކޮށްފިއެވެ. އުގައިލް ފައުންޑޭޝަންގެ ފައުންޑަރމެމްބަރު، ޕްރޮފެސަރ ހަސަން އުޤައިލް މިމަޝްވަރާތައް ކުރެއްވީ އެރަށު ކައުންސިލް މެމްބަރުންނާ ބައްދަލު ކުރަކުރައްވައި ގެންނެވެ.

މިދަތުރުގައި އެއަތޮޅުގެ ދާންދޫއާއި، ނިލަންދުއާއި، ވިލިނގިއްޔަށް ޕްރޮފެސަރ ވަނީ ޒިޔާރަތް ކުރައްވާފައެވެ. އަދި އެރަށްތަކުގެ ކައުންސިލްތަކާއި އެހެނިހެން މުއައްސަސާތަކުގެ އިތުރުން ސްކޫލުތަކުގެ ދަރިވަރުންނާވެސް ބައްދަލުކުރެއްވިއެވެ.

މި ދަތުރުގައި ކައުންސިލްތަކާއެކު ކުރެއްްވި މަޝްވަރާތަކުގައި އުގައިލް ފައުންޑޭޝަން މެދުވެރިކޮށް ސައިންސާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައުލީމީ ހުނަރު އުގަންނައިދިނުމާއި މަސްވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

"ބައެއް މަސްވެރިންނާ ވާހަކަދެކެވި، ރާއްޖޭގެމަސްވެރިކަމާއި، ޚާއްސަކޮށް ގއ. އަތޮޅުގެ މަސްވެރިކަމުގައި ޒަމާނީ ޓެކްނޮލޮޖީ އާއި ސައިންސް ބޭނުންކޮށްގެން ކުރިއެރުވިދާނެ ކަންކަމާ ގުޅޭ ގޮތުން އަޅުގަނޑުމެން ބަހުސްކޮށް ވާހަކަ ދެއްކިން. ހަމަ އެހެންމެ އަތޮޅުގެ ދަރިވަރުންނަށް އިތުރަށް ދަރިވަރުންގެ ކިޔެވުން ފުޅާކޮށް ޚާއްސަކޮށް ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން އަދި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއެރޭނެ ގޮތްތައް ރާވައި އެކަންކަމާ މެދުވެސް އަޅުގަނޑުމެންނަށް މަޝްވަރާކުރެވުނު،" ޕްރޮފެސަރ އުޤައިލު ވިދާޅުވިއެވެ.

ގއ. އަތޮޅު ކައުންސިލްގެ ދައުވަތަކަށް އެއަތޮޅަށް ވަޑައިަގަތުމުން އެއަތޮޅުގެ ރަށްރަށުން ވަނީ އުޤައިލް ކުރައްވަން ނިންމަވާފައިވާ މަސައްކަތްޕުޅަށް ބޮޑު ތަރުޙީބެއް ދީފައެވެ. އަދި ޕްރޮފެސަރ އާއެކު ސުވާލާއި ޖަވާބު ދިނުމުގެ ޙާރަކާތެއް ބާއްވައި ގިނަ ބަޔަކު ވަނީ އުޤައިލް އާއެކު ފޮޓޯ ނަގާފައެވެ.