ޚަބަރު

އިންސާނީ މުޖުތަމަޢެއްގެ މައިބަދައަކީ ޒުވާނުން - މިނިސްޓަރ އިމްރާން


އިންސާނީ މުޖުތަމައެއްގެ، މައިބަދައަކީ ޒުވާނުންކަމަށާ، މުޖުތަމަޢު ބިނާކުރުމަށްޓަކައި ޒުވާނުން ހަރުދަނާ ބަޔަކަށް ވާންޖެހޭކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހަތަރުވަނަ ޒުވާން ލީޑަރުންގެ ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި އއ.އަތޮޅުގެ ޒުވާނުންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވީ މުޖުތަމައު ކުރިއަރާދާނީ މުޖުތަމަޢުގެ މައިބަދަ ކަމަށްވާ ޒުވާނުންގެ ކިބާގައި އެކި ޤާބިލުކަން ހުރި މިންވަރަކުންކަމަށެވެ. އަދި ޒުވާނުންގެ އުޅުމާއި އަޚްލާޤަކީވެސް މުޅި މުޖުތަމައުގެ މުސްތަގުބަލާ ގުޅި ލާމެހިފައިވާކަމެއްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ޒުވާނުންނަކީ މާދަމާ ޒުވާނުންނާ ހަމައަށް އަންނަންތިބި ތުއްތު ކުދިން ބަލާބޮޑުކޮށް އެކުދިންނަށް މިސާލުދައްކަން ތިބި މީހުންކަމަށާ ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރުމުގެ ޒިންމާ އޮތީ ޒުވާނުންނަށް ކަމަށެވެ.

އިސްލާމީ ތާރީޚުންނާއި، ރާއްޖޭގެ ތާރީޚުން މިސާލު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކޮންމެ ޒުވާނަކީވެސް ލީޑަރެއް އަދި ޤައުމަށް ބަދަލެއް ގެނެސްދެވިދާނެ ކުއްޖެކަމަށް ޤައުމެއްގެ ރައްޔިތުންނަށް ބަލާއިރު އެޤައުމެއްގެ، އެމުޖުތަމައުއެއްގެ ޒުވާނުންނަށް ދެވިފައިވާ މަޤާމަކީ ވަރަށްވެސް މަތިވެރި މަޤާމެއްކަން އެމަނިކުފާން ފާހަގަކުރެއްވިއެވެ.

އއ.މަތިވެރީގައި ބޭއްވި މިފޯރަމްގައި 80 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވި ތިން ދުވަހަށް ކުރިއަށްގެންދިޔަ ފޯރަމްގައި ތަފާތު އަށް ދާއިރާތަކުން ފަންނީ އަދި ޓެކްނިކަލް ބޭފުޅުން ސެޝަންތައް ނަންގަވައިދެއްވިއެވެ. ފޯރަމްގައި ބައިވެރިވީ މަތިވެރި، ރަސްދޫ، ތޮއްޑޫ، އުކުޅަސް، ބޮޑުފޮޅުދޫ، މާޅޮސް، ހިމަންދޫ އަދި ފެރިދޫއިންނެވެ.