ވިޔަފާރި

ގަލްފް އެއަރގެ ދަތުރުތައް ރާއްޖެއަށް ފަށައިފި


ގަލްފް އެއަރގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

ބަހްރެއިންގެ ގަލްފް އެއަރގެ ޝެޑިއުލް ދަތުރުތައް ފެށުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ވަނީ ޙާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައެވެ.

ގަލްފް އެއަރގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯފަރޭޝަންގެ މެނޭޖިނގް ޑިރެކްޓަރ ތޮއްޔިބު މުޙައްމަދެވެ. މި އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމާއިއެކު އެންމެ ފުރަތަމަ އައި ބޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ވަނީ ވޯޓަރ ސެލިއުޓެއް އަރުވާފައެވެ.

ގަލްފް އެއަރގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށާފައިވާއިރު އެ އެއަރލައިންއިން ހަފްތާއަކު 5 ދަތުރު ރާއްޖެއަށް ކުރާނެއެވެ. މި ދަތުރުތައް ކުރާނީ ބަހްރެއިން އިންޓަނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.

ގަލްފް އެއަރގެ ދަތުރުތައް ރާއްޖެއަށް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު ވިދާޅުވީ، މިހާރު ފަތުރުވެރިން ރާއްޖެ އަންނަނީ ހަމައެކަނި ގުދުރަތީ ރީތި މަންޒަރުތައް ބެލުމަށް ނޫންކަމަށެވެ. އޭގެބަދަލުގައި ރާއްޖޭގެ ސަޤާފަތް ބަލާލާ، ރަށްފުށު ދިރިއުޅުން ތަޖުރިބާކޮށްލަން އަންނަ ފަތުރުވެރިން މިހާރު އިތުރުވަމުން އަންނަކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

ގަލްފް އެއަރގެ މި ދަތުރުތަކުގެ ސަބަބުން ގަލްފުގެ ޤައުމުތަކުގެ ފަތުރުވެރިންނަށް ދިވެހިންގެ ދިރިއުޅުން ފެނިގެންދާނެކަމަށާއި، ގަލްފް ސަރަހައްދުން މިހާރު އަންނަ ފަތުރުވެރިންގެ އަދަދު މަދުވި ނަމަވެސް މި ދަތުރުތަކުގެ ސަބަބުން މި އަދަދު އިތުރުވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގަލްފް އެއަރގެ ޗީފް ކޮމާޝަލް އޮފިސަރ ވިންސެންޓް ކޯސްޓޭ ވިދާޅުވީ، ރާއްޖެއަކީ ކާމިޔާބު މަންޒިލަކަށް ވާނެކަމާއިމެދު އެ ކުންފުނިން އެއްވެސް ޝައްކެތް ނުކުރާކަމަށެވެ. އަދި ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް އެ ކުންފުނިން އެހީތެރިވެދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ގަލްފް އެއަރގެ ދަތުރުތައް ރާއްޖެއަށް ފެށުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މުވައްޒަފުންނާއި ގަލްފް އެއަރގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

ގަލްފް އެއަރގެ ދަތުރުތައް އެންމެ ފުރަތަމަ ފަށާފައިވަނީ 1950 ވަނަ އަހަރުއެވެ. މި އެއަރލައިނުން މިހާރު 28 ޤައުމެއްގެ 50 މަންޒިލަކަށް އަންނަނީ ދަތުރުކުރަމުންނެވެ. އޭގެތެރޭގައި އެފްރިކާ، އޭޝިޔާ އަދި ޔޫރަޕް ހިމެނެއެވެ.